08 އޮކްޓޯބަރ 2025 - 11:32

ރާއްޖޭގެ ރައީސަކު އދ. ކުނބުރުދުއަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގެންފި އެވެ.

އާބާދީގައި 600 މީހުން ދިރިއުޅޭ މި ރަށަށް އެންމެ ފަހުން ރައީސަކު ވަޑައިގަތީ 2009 ވަނަ އަހަރެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ވަޑައިގެން މި ރަށުގެ ރައްޔިތުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. ރައްޔިތުން ބޭނުން ސުވާލެއް ކުރެއްވުމުގެ ފުރުސަތު ވެސް ދެއްވި އެވެ.
ރައީސާއި މިނިސްޓަރުންނާ ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ފުރަތަމަ ވާހަކަ ދެއްކެވީ ކައުންސިލް ރައީސް މުހައްމަދު ޔަޒްމީ އެވެ.
އޭނާ ވިދާޅުވީ 2009 ވަނަ އަހަރު ފަހުން ތިން ވެރިކަމެއް ބަދަލުވި އިރު، ވެސް އެ ރަށަށް ރައީސަކު ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން ރައީސް މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ކަމުގައި ހުންނަވައި، މި ރަށަށް ވެރިއަކު ވަޑައިނުގަންނަވާތާ 16 އަހަރަށްފަހު ރައީސަކު ކުނބުރުދޫއަށް މި ވަޑައިގެންނެވީ،" އޭނާ ވިދާޅުވި އެވެ.
ރައީސްގެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ވަނީ ހުށަހަޅައިފަ އެވެ.
ކުނބުރުދޫގެ ޒުވާނުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ވެސް މިއަދު ވަނީ ހަގީގަތަކަށް ވެފަ އެވެ. ޒުވާނުން ބޭނުންވި ފުޓްބޯޅަ ދަނޑު މިއަދު ވަނީ ހުޅުވައިފަ އެވެ. މިއީ، 10 އަހަރު ވަންދެން ފުޓްބޯޅަ ނުކުޅެވި ތިބުން ނިމުމަކަށް އައުން ކަމަށް ވެސް އެ ޒުވާނުން ފާހަގަކުރި އެވެ.