08 އޮކްޓޯބަރ 2025 - 09:21

އިންސާނީ އެޖެންޓް ދޫކޮށްލައި އާޓިފިޝަލް އިންޓެލިޖެންސް (އޭއި) އެޖެންޓެއްގެ އެހީގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔަކު ކްލަބް ބަދަލުކޮށްފި އެވެ.
ޑިމިޓްރީ މިޗެލްއަކީ ޔުނައިޓެޑްގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިޔެކެވެ. އިނގިރޭސި ތިންވަނަ ޑިވިޝަންގެ ކްލަބް ލޭޓަން އޮރިއެންޓަށް މިދިޔަ ހޫނު މޫސުމުގައި އޭނާ ސޮއި ކުރީ ޗެޓްޖީޕީޓީގެ އެހީގައި ކަމަށް މިޗެލް ބުންޏެވެ.
އުމުރުން 28 އަހަރުގެ ޑިފެންޑަރު ބުނީ އޭނާގެ ހާލަތު ހުރި ގޮތުން ފައިސާ ދައްކައިގެން އެޖެންޓެއް ގެންގުޅެވޭހާ ތަނަވަސްކަމެއް ނެތް ކަމަށެވެ.
ލަންޑަނުގެ ކްލަބަށް މިޗެލް ބަދަލުވީ، އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް ގޮވައިގެންނެވެ. އެހެންވެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވާނެތީ އޭނާ ނިންމީ އެޖެންޓެއް ނުހޯދުމަށެވެ.
"ލޭޓަން އޮރިއެންޓުން އަހަންނަށް ހުށަހެޅީމަ އަހަރެން އެހީ ޗެޓް ޖީޕީޓީ ގާތުން، ކިހިނެއްހޭ އަހަރެން ވާހަކަ ދައްކަންވީ. މަޝްވަރާކުރުމުގައި އަހަރެން ކޮން ވާހަކަތަކެއްހޭ ދައްކަންވީ،" މިދިޔަ ސީޒަނުގައި ތިންވަނަ ޑިވިޝަނުގރ އެހެން ކްލަބެއް ކަމަށްވާ، އެކެސްޓާ ސިޓީ އަށް ކުޅުނު މިޗެލް ބުންޏެވެ.
"(ޗެޓްޖީޕީޓީގެ ޗެޓްގައި) އަހަރެން ފާހަގަ ކުރިން މިދިޔަ ސީޒަނުގައި އަހަންނަށް ލިބުނީ މިވެނި ވަރެއްގެ މުސާރައެކޭ. ލަންޑަނަށް އަހަންނާ އެކު އަހަރެންގެ އަންހެނުންނާއި ދަރިފުޅު ވެސް ދާނެޔޭ."
އޭނާ ބުނި ގޮތުގައި ކުރިން އޭނަގެ ވެސް ރަސްމީ އެޖެންޓަކު ހުއްޓެވެ. އެކަމަކު ބައެއް ކަންކަމުގައި އެޖެންޓާ އެއްބަސް ނުވެވުމުން އެޖެންޓް ދޫކޮށްލަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
"އޭގެ ސަބަބުން އަހަންނަށް ވެސް އިތުރު ހަރަދެއް ނުގޮސް ސަލާމަތްވި. އެޖެންޓަށް ޖެހޭނެ ފަސް ޕަސްޓް ދޭން. (މިހާރު) ޗެޓްޖީޕީޓީއަކީ އަހަރެންގެ އެންމެ ބަރާބަރު އެޖެންޓް. އެއަށް އަހަރެން ޖެހޭނީ މަހަކު 15 ޕައުންޑް ދޭން،" އޭނާ ބުންޏެވެ.
ޗެޓްޖީޕީޓީ މެދުވެރިވެ ކުރި ފުރަތަމަ މުއާމަލާތާއި މަޝްވަރާތަށް ކާމިޔާބުވެ، އޭނާ އަށް އޮރިއެންޓްގެ ކޮންޓްރެކްޓް ލިބުމުން އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.