ކޮމިޓީން އެންމެ ގިނަ މާކްސް ދިނީ މަހާޒަށް
ކޮމިޓީން އެންމެ ގިނަ މާކްސް ދިނީ މަހާޒަށް

ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހަމަޖެއްސުމަށް ފެންނަ ކަމަށް، އޭނާގެ ނަން ދިރާސާކުރި ކޮމިޓީގެ އެންމެ ގިނަ މާކްސް ދީފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓު އެ މަނިކުފާނު ތަރުތީބު ކުރައްވާފައިވާ ގޮތުން ވެސް އެއްވަނައިގައި އޮތީ މަހާޒުގެ ނަމެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުވަލައިލި ރިޕޯޓްގައި އެ ކޮމިޓީން އެދިފައި އޮތީ 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ދީފައިވާ ދެ ބޭފުޅަަކަށް ރުހުން ދިނުމަށެވެ.

ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގައިވާ ހަ ބޭފުޅުންގެ ތެރެއިން ކޮމިޓީން މާކްސް ދީ، ރިޕޯޓްގައި ހިމަނާފައި އޮތީ ފަސް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި އޮތީ މަހާޒްގެ ނަމެވެ.

ދެވަނަގައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަން ކުރެއްވި އިބްރާހީމް އަފީފެވެ. އޭނާ އަށް 91 ޕަސެންޓް މާކްސް ލިބިވަޑައިގަތެވެ.

ޖުޑީޝަރީ ކޮމިޓީން އިއްޔެ ކުރި އިންޓަވިއުގައި މަހާޒް ވިދާޅުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށެވެ.

ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައި ވާނީ އޭނާ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.

"އެ ހުރިހާ ކަންތައްތައްތަކަށް ބަލާ އިރު އަނެއްހެން އުނދަގޫ ކަންތައްތަކެއް ނޫން [ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތަކަކީ] އެހެންވީމާ ދެ މަސް ދުވަހެއް ނޫން، އެއްމަސް ދުވަހު [ވިޔަސް] އަޅުގަނޑު ހިތަށް އެރީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މި ނިޒާމު ހިނގާ ގޮތް ބަލައިލަން،" މަހާޒް ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވި ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އޭނާ ކުރިމަތިލެއްވީ ހަތަރު ވަނަ ފަހަރަށް އިއުލާނު ކުރުމުންނެވެ.

"އަޅުގަނޑު ސުޕްރީމް ކޯޓުގެ ވަޒީފާ އަދާކުރި އިރު ވެސް އަބަދުވެސް ކުރާ ކަމެއް އެއީ ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާނުތަކާ އެއްޗިހި ދާއިމީ ގޮތެއްގައި ބެލުމަކީ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިއުލާނުކޮށްފައި، އަޅުގަނޑު ހަނދާންވަނީ ހަތަރުވަނަ އިއުލާނަށް ކަން ނޭނގެ އަޅުގަނޑު މި އެޕްލައި ކުރީ. އިއުލާނު ފެނުނީމާ ފުރަތަމަ އަަޅުގަނޑު ހިތަށް އެރީ މީހަކު ނުވެގެންބާއޭ މި އުޅެނީ،" މަހާޒް ވިދާޅުވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިތިލައްވަން ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން މަހާޒާ ސުވާލު ކުރެއްވީ ޖުޑީޝަރީ ކޮމިޓީގައި އިންނަވާ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ސުވާލު ފައްޓަވަމުން ޝާހިދު ފާހަގަކުރެެއްވީ އެ މަގާމަކީ ދެމަސް ދުވަހުގެ ތެރޭގައި މުއްދަތު ހަމަވާ މަގާމެއް ކަމެވެ.