ރުކާއި މުރަނގަ އާލާކުރަން ކޮންސަލްޓެންޓުން ހޯދަނީ
ރުކާއި މުރަނގަ އާލާކުރަން ކޮންސަލްޓެންޓުން ހޯދަނީ

ރުކާއި މުރަނގަ ގަސް އާލާކޮށް ދިރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓެންޓުން ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

"ކޮކޮނަޓް ރިހެބިލިޓޭޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ރާއްޖޭގައި ޒަމާނުއްސުރެ ހެދެމުން އަންނަ ރުއްތައް އުމުރުން ދުވަސްވުމާއި ތަފާތު އެހެނިހެން ސަބަބުތަކާ ހުރެ މަތިވަރު ދަށްވާތީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ބޭނުމަކީ ދުރު މުސްތަގުބަލަކަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްގީކުރުމެވެ. އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މުޑުވައް ހޯދުމުގައި ފަންނީ މައުލޫމާތު ދޭނެ ފަރާތެއް ބޭނުންވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އޮފް އެގްރިކަލްޗާގެ ސީދާ ބެލުމުގެ ދަށުން އަދި ޑިރެކްޓާ އޮފް ފޮރަސްޓްރީ އެންޑް ކޮކޮނަޓް ރިހެބިލިޓޭޝަންގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

އިއުލާންގައިވާ ގޮތުން މުސާރައިގެ ގޮތުގައި މަހަކު 20،000ރ. ލިބޭނެ އެވެ. އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް އޮންނާނެ އެވެ.

މުރަނގަ އިންދުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އެއީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ގަހަކަށް ވިޔަސް ރާއްޖޭގައި މުރަނގަ އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާ ކަމަށެވެ. އެހެންވެ، ގަހުގެ މުހިއްމުކަން ދެނެގަނެ، ގައުމީ ފެންވަރުގައި މުރަނގަ ގަސް ހެެއްދުމަށް ހޭލުންތެރިކުރުމާއި މުޖުތަމައުގެ ފެންވަރުގައި އިގްތިސާދީ ބާރުވެރިކަން އިތުރުކުރުމަކީ އެ ޕްރޮގްރާމުގެ ބޭނުން ކަމަށް މިނިސްޓްރީން ބުންޏެެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ މުރަނގަ ޕްރޮމޯޝަން ޕްރޮގްރާމުގެ ދަށުން ހިންގާ ހަރަކާތްތައް ލީޑުކޮށް ސަޕޯޓްކުރުމާއި އެ މަސައްކަތް މެނޭޖުކުރުމަށް ކަމަށެވެ. އެ ކެމްޕެއިނު ފަރުމާކުރާނީ ފަންނީ ތަމްރީނުތަކާއި މުރަނގައިގެ އުފެއްދުންތައް ރާއްޖެ އާއި ބޭރުގެ މާކެޓަށް ނެރެވޭނެ ގޮތްތައް ވެސް ކިޔައިދެވޭ ގޮތަށް ކަމަށް އިއުލާނުގައިވެ އެވެ.

އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު ކޮންސަލްޓެންސީ ބޭނުންވަނީ 30 ދުވަހުގެ މުއްދަތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ދެ ޕްރޮގްރާމަށް ވެސް ކޮންސަލްޓެންޓެއް ނަގާނީ ތައުލީމާއި މަސައްްކަތުގެ ތަޖުރިބާ ފަދަ ކަންކަމަށް ބެލުމަށް ފަހު އެވެ.