08 އޮކްޓޯބަރ 2025 - 09:40

ޣައްޒާގެ ހިސާރު ނައްތާލައި އެހީ ފޯރުކޮށްދޭން ކަނޑުމަގުން ވަންނަން އުޅުނު ގްލޯބަލް ސުމޫދު ފްލޮޓީލާގެ 45 އުޅަނދު ހުއްޓުވައި އެންމެން ހައްޔަރުކުރި ފަހުން އެހެން އުޅަނދުތަކެއްގައި ދިޔަ ބަޔަކު ވެސް މިއަދު އިޒްރޭލުން ހުއްޓުވައިފި އެވެ.
މިފަހަރު ހިފެހެއްޓީ ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ ނުވަ އުޅަނދެވެ.
އެ އުޅަނދުތަކަށް ހުރަސްއެޅީ ޣައްޒާއާ 140 ނޯޓިކަލް މޭލް (277 ކިލޯމީޓަރު) ދުރުގައި ތިއްބަ އެވެ. އެފްއެފްސީން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތަކާއި ކަނޑު އުޅަނދުތަކުން ގެންދަނީ ބިރު ދެއްކުމުގެ އަމަލުތައް ހިންގައި ހުރަސްއަޅަމުންނެވެ.
ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް އުޅަނދުތަކަށް އިޒްރޭލު ސިފައިންގެ އުޅަނދުތައް ކައިރިކޮށް ހަތިޔާރާ އެކު އަރާފައިވެ އެވެ.
"ކަނޑުފޭރޭ މީހުން އަނެއްކާވެސް އަތުވެއްޖެ،" އިޒްރޭލު ސިފައިންނަށް ނިސްބަތްކޮށް ގްލޯބަލް ސުމޫދު ފްލޯޓީލާއިން ބުނެފައިވެ އެވެ.
މިފަހަރު މި އުޅަނދުތަކުގައި 110،000 ޑޮލަރުގެ ބޭހާއި އަސާސީ އެކި ސާމާނު އެބަހުރި ކަމަށާއި ނޫސްވެރިންނާއި ޑޮކްޓަރުން އަދި އެކްޓިވިސްޓުންގެ 93 މީހުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އުޅަނދުތަކާއި މީހުން "އިޒްރޭލުގެ ބަނދަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށްދާ" ކަމަށެވެ.
މިދިޔަ ހަފްތާގައި އިޒްރޭލުން ވަނީ 45 އުޅަނދު ހުއްޓުވައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ތެރެއިން ހައެއްކަ މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
ޣައްޒާއަށް ވަންނަން މަސައްކަތްކުރާ އުޅަނދުތައް ހުއްޓުވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވާތީ، އިޒްރޭލުގެ އަމަލުތައް ފްލޮޓީލާ އާއި ގައުމުތަކުން ދަނީ ގެންދަނީ ކުށްވެރިކުރަމުންނެވެ. އެކަމަކު އިޒްރޭލުން ބުނަނީ ހަނގުރާމައެއްގެ ތެރޭގައި އޮތުމުން މިގޮތަށް ހުއްޓުވޭނެ ކަމަށެވެ.