ކޯޗަކަށް މޮރީނިއޯ ހަމަޖައްސަން ވެސްޓްހޭމުން ބޭނުންވި
ކޯޗަކަށް މޮރީނިއޯ ހަމަޖައްސަން ވެސްޓްހޭމުން ބޭނުންވި

މި ސީޒަނުގައި ދަށް ނަތީޖާތަކަކުން ފެށި ވެސްޓްހޭމް ޔުނައިޓެޑުން، ޕްރިމިއާ ލީގުގެ ލެޖެންޑް ހޯޒޭ މޮރީނިއޯ ކޯޗު ކަމަށް ގެންނަން މަސައްކަތް ކުރިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފެނަބާޗޭ އަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން، އެ ކްލަބުން މޮރީނިއޯއާ އެކު ހެދި އެއްބަސްވުން އުވާލި އެވެ. ސީޒަންގެ އެންމެ ކުރީކޮޅު މޮރީނިއޯ ވަޒީފާ ގެއްލުމުން، ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކާ އޭނާއާ ގުޅުވައި މީޑިއާއިން ވާހަކަތައް ފެތުރި އެވެ.

ވެސްޓްހޭމްގައި އޭރު ކޯޗަކަށް ހުރި ގްރަހަމް ޕޮޓާއާ އެކު ނަތީޖާ ރަނގަޅުނުވުމުން، އޭނާ ވަކި ކުރުމުގެ ފިކުރުގައި، މޮރީނިއޯއާ މެދު ވެސްޓްހޭމްގެ ބޯޑުން ވިސްނުންތަކެއް ގެންގުޅުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޕޮޓާ އަށް އިތުރު ވަގުތުދީ ހާލަތު ރަނގަޅުވޭ ތޯ ބެލަން ބޯޑުން އޭނާ އަށް ފުރުސަތު ދިނެވެ. ނަމަވެސް ވެސް ނަތީޖާ ރަނގަޅެއް ނުވި އެވެ.

ފަހުން ޕޮޓާ ވަކި ކުރި އިރު މޮރީނިއޯއެއް ނެތެވެ. އޭނާ ގޮސް އޭނާގެ އަމިއްލަ ގައުމު، ޕޯޗުގަލްގެ ބެންފީކާގެ މަގާމާ ހަވާލުވެ ހުރުމުން ވެސްޓްހޭމަށް ފުރުސަތު ގެއްލުނީ ކަމަށް މީޑިއާއިން ބުންޏެވެ.

ދެން އެ ޓީމުން ކޯޗަކަށް ގެނައި ޕްރިމިއާ ލީގުގައި ކުރިން ވެސް މަސައްކަތް ކުރި ޕޯޗުހަލްގެ އަނެއް ކޯޗު ނޫނޯ އެސްޕްރިޓޯ ސަންޓޯ އެވެ.

ވެސްޓްހޭމްގެ ކުރީގެ ކުޅުންތެރިޔާ ޖޯ ކޯލް ބުނި ގޮތުގައި މޮރީނިއޯ ލިބެން ނެތް ހާލަތުގައި، އެ ކްލަބުން ނޫނޯ އައްޔަން ކުރުމަކީ ރަނގަޅު ނިންމުމެކެވެ.

އޭނާ ބުނީ ޕޮޓާ ވަކި ކުރުމުގެ ކަންކަން ވެސްޓްހޭމުން ގެންދިޔައީ ރަނގަޅަށް ނޫން ކަމަށެވެ. ދެން އެހެން ކޯޗަކު ހޯދާނަމަ އެ ކްލަބަށް ބޭނުން ވަނީ ޕްރިމިއާ ލީގު ރަނގަޅަށް އެނގޭ އަދި މިޒާޖުގައި ވެސް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް ޖޯ ކޯލް ބުންޏެވެ. މޮރީނިއޯއަކީ އެ ސިފަތައް ހުރި މީހެއްކަން ދޭހަވާ ގޮތަށް ޖޯ ކޯލް ވާހަކަ ދެއްކި އެވެ.

"ޖޯސެފް [ހޯޒޭ] މޮރީނިއޯ ލިބެން ނެތް ހާލަތުގައި އަހަރެން ވެސް އެ މަގާމު ދޭނީ ނޫނޯ އަށް. ނޫނޯ ނުވަތަ ޝޯން ޑައިޗް އަށް. ލީގު ރަނގަޅަށް އެނގޭ އަދި ވެސްޓްހޭމްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް އެނގޭ ވަރުގަދަ ޝަހުސިއްޔަތެއް ހުރި ކޯޗަކަށް،" ޖޯ ކޯލް ބުންޏެވެ.