08 އޮކްޓޯބަރ 2025 - 08:35

މި ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު ނެގި ދެ ލޯނެއް ކަމަށާއި އިގުތިސާދަށް ބުރަ ބޮޑުވެގެން އުޅޭ އެއް ސަބަބަކީ އެއީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

"އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ނަގާފައި ހުރި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑާއި އަދި ރައީސް އިބޫ ސޯލިހުގެ ވެރިކަމުގެ ތެރޭގައި އޭގެ މައްޗަށް ނަގާފައި ހުރި 250 މިލިއަން ޑޮލަރު، ޖުމުލަ 500 މިލިއަން ޑޮލަރުގެ ދަރަނި މި އަންނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަން ޖެހިވަޑައިގަންނަވަނީ،" ރައްޔިތުންގެ މަޖިލިހުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި އަންނަ އަހަރު ސަރުކާރު "ޑިފޯލްޓަކަށް" ދާނެ ކަމަށް ވިދާޅުވެ ޔާމީނާއި އިބޫ ވާހަކަފުޅު ދައްކަވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ގެންދަނީ އެ ދަރަނިތައް ދެއްކުމަށްޓަކައި "އަރިއަކަށް" ފައިސާ ޖައްސަމުން ކަމަށް ތޯރިގް ވިދާޅުވި އެވެ. '
"އަދި ނުވިތާކަށް ކައިރި ގައުމުތަކުން، ހާއްސަކޮށް ރާއްޖެއާ އަވަށްޓެރި ބޮޑު ދެ ގައުމެއް، އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އިން ހާރިޖީ ގުޅުންތަކުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު، އެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް މިއަދު މި ވަނީ އެހެން ދުވަސްވަރެއްގައި ދައްކާ ގޮތަށް ފަސްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އާއި ޗައިނާގެ އިސްވެރިންނާ ރައީސް މުއިއްޒު މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަންކަން ފަހިވެފައިވާތީ، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ނުދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
"މި އަންނަ އަހަރު އަޅުގަނޑުމެން އެ ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ދެއްކުމުގެ ތެރެއިން ބޮޑު ބައި އަޅުގަނޑުމެން އަމިއްލަ އަށް މި ސޭވް ކުރާ ނުވަތަ ރިޒާވަށް ލެވޭ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާ އެކު ދެއްކުމަށް ފަހު އަދި ދެން ނުދެއްކި އޮތް އަދަދު ކުރިން އެމްޑީޕީ [ސަރުކާރުގައި] ނަގާފައި ލޯނުގެ ރޭޓަށް ވުރެ ކުޑަ އަދަދެއްގައި މާތް ﷲ ގެ ވާގިފުޅާ އެކު ނަގައި މި އަންނަ އަހަރު އިގުތިސާދީ ގޮތުން ސަލާމަތްވާނެ ކަމުގެ ފޮނި އުންމީދު މިހާރު އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންވާ އިއުލާން ކުރައްވާފައިވާ ގޮތުގައި ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް ވަނީ "ފައިނަލް" ކޮށްފަ އެވެ.
"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖުމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަ އަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާން ކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން،" ޗައިނާގެ ސަފީރު ވިދާޅުވެފައި ވެ އެވެ.
"ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާ އިން ކުރާ އިތުބާރު."
ތޯރިގު ރޭ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އަންނަ އަހަރު ޖުމުލަ 800 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރަށް ދައްކަންޖެހެ އެވެ. އެ ލޯނުތައް ދައްކަން ދައުލަތަށް ފަސޭހަ ކުރުމަށްޓަކައި މި ސަރުކާރުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ، ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމް ކުރުމަކީ މިހާތަނަށް އެއްވެސް ރައީސަކަށް "އަތްލާން" ކެރިވަޑައިނުގެންނެވި ކަމަކަށް ވާއިރު އެއީ ރައީސް މުއިޒަށް ވެސް ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ.
"ޑޮލަރު އެކްސްޗޭންޖާ ކުޅެން ނުކެރެނީ ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމްގެ ސިނާއަތުގައި ތިބި މަދު ވިޔަފާރިވެރިންނަކީ ވަރަށް ނުފޫޒު ގަދަ ސިޔާސީ ގޮތުން ވެސް ފައިސާގެ ގޮތުން ވެސް ވަޒީފާގެ ގޮތުން ވެސް މުޅި ގައުމުގެ އިގުތިސާދުގައި ވެސް ވަރަށް ނުފޫޒު ގަދަ ފަރާތްތަކަކަށް ވާތީ އެ ފަރާތްތަކުގެ ނުރުހުން ނުވަތަ ސިޔާސީ ގޮތުން ވެސް އެއްބާރުލުން ނުލިބިދާނެތީ އެ ބިރުވެރިކަމަށްޓަކައި މިހާތަނަށް ހުރިހާ ރައީސުންނަށް ވެސް އެ ކަންތަކުގައި އަތްލުމަށް ނުކެރުނީ،" ތޯރިގް ވިދާޅުވި އެވެ.
އެ ބަދަލުތަކާ އެކު ވެސް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލައާ ގުޅޭ ގޮތުން ތޯރިގް ވިދާޅުވި ގޮތުގައި އެކަން ހައްލު ވާނީ ދިވެހި ވިޔަފާރިވެރިން ވެސް ރާއްޖޭގެ އިގުތިސާދުގެ ތެރެއިން ކޮންމެވެސް ވަރަކަށް ޑޮލަރު މާރުކުރަން ފެށުމާއި އަންނަ އަހަރު ސުކޫކް ދެއްކުމަށް ފަހު، އެމްއެމްއޭ އަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދޭން ފަށާ ހިސާބުންނެވެ.
"އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި މި ޑޮލަރަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ، އަންނަ އަހަރު ރާއްޖެ އިން ބޭރަށް ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ދައްކައި އަދި ހިންގަން ކަނޑައަޅާފައިވާ މަޝްރޫއުތަކާ އެކު، ރައްޔިތުން 2028 ގައި އިތުރު ދައުރަކަށް ރައީސް މުއިއްޒު އިންތިހާބު ކުރާނެ ކަމަށެވެ.
ތޯރިގް ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީން އިދިކޮޅު ޕާޓީގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މަސައްކަތް ކުރިއިރު ވެސް ޒިންމާދާރުކަމާ އެކު ދަރަނިތައް ނަގަން ތަކުރާރުކޮށް އެދެމުން އައި ނަމަވެސް ދިނީ ބީރު ކަންފަތެކެވެ. މިއަދު ފެންނަނީ އޭގެ ނަތީޖާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
އިބޫގެ ސަރުކާރުގެ ދުވަސްވަރު އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް އަދި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށް ލޯނު ނުނަގަން ޕީޕީއެމް/ޕީއެންސީން އެދެމުން ދިޔަ ކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑުގެ ދަރަނި ދެއްކުމަށާއި އިތުރަށް ފައިސާ ހޯދަން ވެގެން އިބޫގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ބައިނަލްއަގްވާމީ މާކެޓަށް ވިއްކި ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އެ ދަރަނި ދައްކަންޖެހި އޭގެ އުނދަގޫ މުޅި އިގުތިސާދަށް ފޯރައިގެން މިދަނީ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސާދު އެންމެ ބޮޑަށް ދަތިވި ދަނޑިވަޅުގައި ވެސް އެސްޓީއޯ މެދުވެރިކޮށް 150 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނެގި އެވެ. އެކަމަކު، އެ ފައިސާގެ ތެރެއިން ވެސް ބޮޑު އަދަދެއް މި އަހަރު ދައްކާފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.