08 އޮކްޓޯބަރ 2025 - 06:47

ގައުމުން ބޭރު ކުޅުންތެރިން މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުވަން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅީ ފޭކް ލިޔުންތަކެއް ކަމަށް ފީފާއިން ބުނެފި އެވެ.
ފީފާއިން ހޯމަ ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުނު އެހެން ގައުމުތަކަށް އުފަން ހަތް ކުޅުންތެރިންގެ ނަމުގައި ހުށަހެޅީ ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ.
އެ ތުހުމަތުގައި ފީފާއިން އެ ހަތް ކުޅުންތެރިން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. ކޮންމެ ކުޅުންތެރިޔަކުން 2،000 ސްވިސް ފްރޭންކު (2،504 ޔޫއެސް ޑޮލަރު) ން ޖޫރިމަނާ ކުރި އެވެ. މެލޭޝިއާގެ އެފްއޭ ވެސް 438،000 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން މަހު ވިއެޓްނާމާ ދެކޮޅަށް މެލޭޝިއާއިން ކުޅުނު މެޗުގައި އެ ހަތް ކުޅުންތެރިން ވެސް ކުޅެފައި ވެއެވެ. އެ ކުޅުންތެރިންގެ އެހީއާ އެކު މެލޭޝިއާއިން މެޗު ކާމިޔާބު ކުރީ 4-0 ންނެވެ.
> ޖޯން އިރާޒަބަލް - ސްޕޭން
>ފަކުންޑޯ ގަރްސޭސް – އާޖެންޓީނާ
> ރޮޑްރިގޯ ހޮލްގާޑޯ - އާޖެންޓީނާ
> އިމަނޯލް މަޗޫކާ – އާޖެންޓީނާ
> ޔޮއާއޯ ފިގަރޭޑޯ – ބްރެޒިލް
> ހެކްޓާ ހޭވަލް - ނެދަލެންޑްސް
މެލޭޝިއާގެ އެފްއޭއިން ބުނި ގޮތުގައި އެ ކުޅުންތެރިންގެ ކާފަ ނުވަތަ މާމައިންނަކީ މެލޭޝިއާ އުފަން މީހުންނެވެ.
އެ ގައުމުގެ އެފްއޭއިން ބުނީ ފީފާގެ ނިންމުން އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށެވެ. އަދި އެ ކުޅުންތެރިންގެ މައުލޫމާތުތައް ފީފާ އަށް ފޮނުވުމުގައި އިދާރީ އޮޅުމެއް އަރައި އެހެން ޑޮކިޔުމެންޓެއް އަޕްލޯޑް ކުރެވުނު ކަމަށް ބުންޏެވެ.
"(ފީފާއިން) މައްސަލަ ފާހަގަކޮށްފައިވާ ކުޅުންތެރިންނަކީ މެލޭޝިއާގެ ހަގީގީ ރައްޔިތުން. ކުރިން ވެސް ހާމަކޮށްފައިވާ ފަދައިން އެ މައްސަލަ ދިމާވީ ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓް (ޖޭޕީއެން) އިން ފޯރުކޮށްދޭ ރަސްމީ ލިޔެކިޔުންތަކުގެ ބަދަލުގައި އެޖެންޓެއްގެ ފަރާތުން ލިޔެކިޔުންތައް އަޕްލޯޑް ކުރެވުމުން. އެއީ އެ މަސައްކަތުގައި ޝާމިލުވި މުވައްޒަފަށް އެރި އިދާރީ އޮޅުމެއް،" މެލޭޝިއާގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"މެލޭޝިއާގެ ސަރުކާރުން އެ ކުޅުންތެރިންނަށް ދީފައިވާ ރަސްމީ ލިޔުންތަކާ އެކު މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅުމަށް މިދަނީ ތައްޔާރުވަމުން."
އޭޝިއަން ކަޕް ކޮލިފައިންގައި މެލޭޝިއާ ހިމެނޭ ގުރޫޕް އެފްގެ އެއްވަނައިގައި އޮތީ ވެސް އެ ގައުމެވެ. ކުޅުނު ދެ މެޗު ވެސް މެލޭޝިއާއިން ކާމިޔާބު ކުރި ވިއެޓްނާމް އޮތީ ދެވަނައިގަ އެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ ލާއޯސް އާއި ނޭޕާލެވެ.
މި މަހު ކުޅޭ ދެ މެޗުގައި މެލޭޝިއާ ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ. ފުރަތަމަ ލެގްގައި ކުޅޭނީ މާދަމާ ލާއޯސްގަ އެވެ. ދެވަނަ ލެގް އަންނަ އަންގާރަ ދުވަހު މެލޭޝިއާގަ އެވެ.