އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލްއެއްގެ އެޕާޓްމަންޓުން ޑްރަގް ފެނިގެން ހައްޔަރުކޮށްފި
އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލްއެއްގެ އެޕާޓްމަންޓުން ޑްރަގް ފެނިގެން ހައްޔަރުކޮށްފި

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހާދު މަސްތުވާތަކެއްޗާ އެކު ރޭ ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ފާސްކޮށް އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދަނިކޮށް ވަނީ ފެނިފަ އެވެ.

ނަމަވެސް އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށް އެނގިފައި ވެ އެވެ.

ހުޅުމާލެ 1 ގައި ހުންނަ އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގް ފެނުނު ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް ސީދާ އަދަދެއް ކަށަވަރެއް ނުވި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ.

ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެމްބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ. އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓާނީގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.