08 އޮކްޓޯބަރ 2025 - 05:56

(އާދިއްތަ ދުވަހާ ގުޅޭ)
ގަޔަށް ހީވީ ފެން އެއްޗެއް އޮއްސައިލިހެންނެވެ. ބޮލުގަ ޖަހާ އެތި އަނެއްކާ ވެސް އޮތީ އެނދުމަތީގައެވެ. އަންޖަލް އޭތި ބޭއްވި ހަނދާންވަނީ އެ ތާކު ނޫނެވެ.
"ޖަހާބަލަ!" އަންޖަލްގެ ކަނާތު ކަންފަތް ކައިރީގައި ރާއިފު، ސިއްރުން ބުނެލިހެން ހީވިއެވެ.
އަންޖަލް ކަނާތަށް އެނބުރުނެވެ. އެ ތަނަކު އެކަކު ވެސް ނެތެވެ. އަންޖަލް ވިސްނައިލިއެވެ. ރާއިފުގެ އަޑު އަންޖަލްއަށް އިވިގެން ނުވާނެއެވެ. އެހެނަސް އެއީ ހީއެއް ނޫނެވެ. ބޭރުން އިވުނު އަޑަކާ ވަރަށް ވައްތަރެވެ. ބޮލުގަ ޖަހާ އެތި ނަގައި އަންޖަލްގެ އިސްތަށިގަނޑުގައި ޖައްސައިލިއެވެ.
"ކިހާ ރީތި؟" ރާއިފު ބުންޏެވެ.
އެ ފަހަރަކު އަންޖަލްއެއް ނޭނބުރެއެވެ. ހިނިއައިސްފައި ހުރީއެވެ. އެއީ ހީއެއްކަން އަންޖަލްއަށް ޔަގީނެވެ. ހަގީގަތާ އެހައި ވައްތަރުކޮށް ރާއިފުގެ އަޑު އަބަދު ވެސް އިވެން އަންޖަލް ބޭނުމެވެ.
"ތިހެން އަބަދު ވެސް ހިނިއައިއްސަ ހުރެބަލަ!" ރާއިފު ބުނިހެން ހީވިއެވެ. "އޭރުން އަހަރެން ކިހާ އުފާވާނެ؟"
އަންޖަލް ކޮޓަރިން ނުކުތީ ރާއިފު އެދުނު ގޮތަށް އެ އެތި ބޮލުގަ ޖަހައިގެންނެވެ. ފުރަތަމަ ފެނުނީ ނިޒާރުއަށެވެ. ކާފަދަރިފުޅުގެ އުފާވެރި ހިނިތުންވުން ފެނިފައި ނިޒާރުގެ ހިތަށް ފިނިކަން ލިބުނެވެ.
"އައްދެ! ހާދަ އުފާވެފަ ހުރި ކުއްޖެއް،" ލޯތްބާ އެކު ނިޒާރު ބުންޏެވެ. "ހާދަހާ ރީތި އެއްޗެއް ބޮލުގަ ޖަހާފަ ތިހިރީ."
ހަމަ އެކަނި ހިނިތުންވެލުމަކުން ޖަވާބު ދީފައި އަންޖަލް ހިނގައިގަތެވެ. މުހުސިނާ އާއި ކޮއްކޮމެން ވެސް އަންޖަލްގެ ބޮލުގަ ޖަހާފައި ހުރި އެތި ރީތި ވެގެން އުޅުނެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ކިރިޔާ ވެސް ދަންނަ މީހަކު ފެނިއްޖެއްޔާ، ބޮލުގަ ޖަހާ އެއްޗަށް ތައުރީފު ނުކޮށެއް ނުދެއެވެ. އަންޖަލް ހިތަށް އެރިއެވެ. އެއީ އެހައި ރީތި އެއްޗެއް ނޫނެވެ. ލިބުނު ގޮތެއް ވެސް ނޭނގެއެވެ. ދެން އެންމެންގެ ލޮލުގައި އެ އަޅައިގަންނަނީ ކީއްވެގެން ހެއްޔެވެ؟
ލޮނުޒިޔާރަތްޕާކަކީ ލޮނުޒިޔާރަތްކޮޅުގައި އަލަށް ހެދި ތަނެކެވެ. ހަފުލާތަކާއި ހަވީރުތައް އެ ތަނުގައި ބާއްވައެވެ. އެހެނަސް، އަންޖަލް އެ ޕާކަށް ވަނީ އަލަށެވެ. އެ ރޭ ތިން ހަފުލާ އޮތެވެ. މީހުން ވަރަށް ގިނައެވެ. ބޯގަންވިލާގަސްތަކުގައި މާތައް ބަރާވެފައި އޮތެވެ. އަންޖަލްއަށް ދައުވަތު ލިބިފައިވާ ހަފުލާ އޮތް ތަނުގެ އެއް ފަރާތެއްގައި، ކަނީރުގަސްތަކެއް ހުއްޓެވެ. ކުލަކުލައިގެ ކަނީރުމާތައް އަޅާފައި އޮތެވެ. ކުލަބޮކިތަކުން މުޅި ތަން ހުޅުދާން ކޮށްފައި އޮތް އިރު، ކަނީރުގަސްތައް ހުރި ތަން އޮތީ އަނދިރި ކޮށެވެ. އެހެނަސް، އަންޖަލްއަށް އެ ގަސްތައް ފެންނަނީ ރެދަން ފާޑުގެ އެއްޗެއް ހޭކިފައި ހުއްޓައެވެ. މާތަކުގައި ހީވަނީ ވިދާ ކަރުދާސް ހިއްޕާފައި ހުރި ހެންނެވެ. އެހެން ބޮކިތަކުގެ އަލި އެޅުމުން، ފާޑެއްގެ ދަޅައެއް ހުރެއެވެ. އެއީ ކީއްވެގެންބާއޭ އަންޖަލް ހިތަށް އެރިއެވެ.
"އަނެއްކާ؟" މީހަކު ބުނި އަޑު އަންޖަލްއަށް އިވުނެވެ.
"މަ ބުނީމެއްނު!" އަނެކަކު ބުންޏެވެ. "މިހާރު ކިތައް ބޮކިފަތި ލެވިއްޖެ؟ ދެ ފަހަރަކު ދިއްލޭނީ، އަނދާނެ. އެ ސޮކެޓުގަ ކޮންމެވެސް ޝޯޓެއް އުޅެނީ. ހިނގާ އެހެން ސޮކެޓަކުން ކޭބަލެއް އަޅަމާ!"
"އަޅާނެ ކަމެއް ނެތް،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ކަލެއަށް އެނގޭތަ އެއީ ކިހާ ބިރުވެރި ގަހެއްކަން؟ އެ ގަހަށް ޖިންނި ވެސް އަންނާނެ. އެ ވާނީ ޖިންނި ބޮކިތައް ނިއްވަނީ ކަމަށް."
ސަމާސާ ގޮތަކަށް އެހެން ބުނެފައި އެ މީހުން ހެމުންހެމުން އެ ތަނުން ދިޔައެވެ. އަންޖަލް ގޮސް ކަނީރުގަސް ކައިރީގައި ހުއްޓުނެވެ. އެ ގަހުގެ ގޮފިތަކުގައި ފަނޑު ދިރުމެއް ހުއްޓެވެ. ހީވަނީ ތޮށިގަނޑު ތެރޭގައި ފަނިތަކެއް ދުވާ ހެންނެވެ. ކަނީރުމަލުގައި ހިތްހަމަޖެހޭ ވަހެއް ހުއްޓެވެ. އެ ވަހުގައި ނިދި އަންނަ ކަހަލަ ގޮތެއް ހުރެއެވެ. ހަށިގަނޑު ތެރެއަށް ވަސް ވަދެގެންދާ ގޮތް އަންޖަލްއަށް އިހުސާސް ކުރެވެއެވެ. އަންޖަލް ހުންނަ ހިތްވަނީ އެ ތަނުގައެވެ. އެހެނަސް، ކާން ވެގެން އަންޖަލް ބަލައި މުހުސިނާ އައެވެ. އަންޖަލް ހިނގައިގަތް ވަގުތު، ކަނީރުގަހުގެ ފަތްތައް އެއްދިމާއަކަށް ލެނބިލި ތަން އަންޖަލްއަށް ފެނުނެވެ. ހީވަނީ ފަތްތަކުގައި ހޭކެމުން އެއްޗެއް ދިޔަހެންނެވެ. މުހުސިނާއަކަށް އެ ތަނެއް ނުފެނެއެވެ.
ކައިވެނި ކުރި ދެމަފިރިންނާ އެކުގައި ފޮޓޯ ނެގުމަށް ފަހު، އާއިލާ މީހުންނާ އެކުގައި އަންޖަލް ކާން ދިޔައެވެ. ގޮސް ތަށްޓަށް އެއްޗެހި އަޅައިގެން އަންޖަލް އިށީނީ، ދިގު މޭޒެއް ކައިރީގައި ހުރި ދިގުގޮނޑީގެ ކޮޅުގައެވެ. އަންޖަލް ކުރިމަތީގައި އިށީނީ ނިޒާރެވެ. ކަނީރުގަސްތައް ހުރީ ނިޒާރުގެ ފުރަގަހުގައެވެ. ވަގުތަކީ ވައި މަޑު، ޖައްވު އުދާސް ވަގުތެކެވެ. ހާމަ ތަނެއްގައި ތިބި ނަމަވެސް، ފިނިކަމެއް ނެތެވެ. ގަސްތައް ނިދާފައި ތިބި ކަހަލައެވެ. އެންމެ ގަހެއް ފިޔަވައެވެ. ކަނީރު ގަސްތައް އެއް ހަމައަކަށް ހެލެމުން ދިޔައެވެ. އަންޖަލް އިރުއިރުކޮޅާ އެ ގަސްތަކަށް ބަލައިލައެވެ. އަންޖަލް ބަލާތީ، ކިތަންމެ ފަހަރަކު ނިޒާރުއަށް ވެސް ފަސްއެނބުރި ބެލިއްޖެއެވެ. ނިޒާރަކަށް ތަފާތު އެއްޗެއް ނުފެނެއެވެ. އަންޖަލްއަށް ހީވަނީ، ގަހުގެ ފަތްތަކުގެ ތެރެއިން ބޮޑު ފިޔަގަނޑެއް ފެންނަ ހެންނެވެ.
"ދަރިފުޅު އަޑުއެހިންތަ އެ ވާހަކަ؟" އަންޖަލްއަށް އިވުނީ ނިޒާރު ބުނި އެ ތަންކޮޅެވެ.
"ކޮން ވާހަކައެއް؟" އަންޖަލް ސުވާލު ކުރިއެވެ.
"މި ބުނީނު،" ނިޒާރު ބުންޏެވެ. "ރޭގަ ކުރެންދޫން ރާއިފު ފެނިއްޖޯ! ފަހަރަކު މީހަކު އެބަ ގުޅާ އެހެން ކިޔާފަ."
އަންޖަލްއަކަށް ގަބޫލެއް ނުކުރެވުނެވެ. އަނެއްކާ ނިޒާރުއަށް ފޯނެއް އައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ނިޒާރު ދުރަށް ޖެހިލިއެވެ. އެއީ އަންޖަލްއަށް ރާއިފު ފެނުނު ވަގުތެވެ. އޭނަ ލައިގެން ހުރީ މަޑު ނޫކުލައެއްގެ ޖިންސަކާއި އަތްދިގު، ކަޅު ގަމީހެކެވެ. އިސްތަށިގަނޑު ހުރި ގޮތުން ހީވަނީ ދެންމެ ފެންވަރައިގެން ނިކުތް ހެންނެވެ. މޫނުގެ ތާޒާކަން ދެ ގުނައަށް އިތުރު ވެފައިވެއެވެ. ހިނިތުން ވެފައި ހުރެ އަންޖަލްއަށް ބަލަމުން ރާއިފު ވަނީ ކަނީރުގަސްތަކު ތެރެއަށެވެ. އަންޖަލްއަކަށް ނީނދެވުނެވެ. އެ ދިމާއަށް ހިނގައިގަނެވުނެވެ. ދިޔަ އިރު އެ ތާކު އެކަކު ވެސް ނެތެވެ. ކަނާއަތްފަރާތަށް ބަލައިލާފައި ވައަތްފަރާތަށް ބަލައިލި އިރު ރާއިފު ކުރިމަތީގައި ހުއްޓެވެ. އަންޖަލްއަށް ހަޅޭއްލަވައިގަނެވުނެވެ. އެ ވަގުތު އަންޖަލްގެ އަނގަމަތީގައި ރާއިފު އަތްނޭޅި ނަމަ އެންމެންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނީހެވެ.
"މީ މަށޭ!" އެހެންޏާ ނުބަލާ ކަހަލަ ނަޒަރަކުން ބަލަމުން މަޑުމަޑުން ރާއިފު ބުންޏެވެ.
އަންޖަލްއަށް ބެލުނީ ރާއިފުގެ ލޮލަށެވެ. އެ ލޮލުގައި އާދަޔާ ހިލާފު ބާރެއް ހުއްޓެވެ.
"ރާއިފު ދޫކޮށްލީތަ؟" އަންޖަލްއަށް އެހުނީ އެހެންނެވެ.
"ދޫކޮށްލީހޭ؟" ރާއިފު ބުންޏެވެ. "ކާކު އަހަރެން ހިފާއްޓައިގެން އުޅުނީ؟"
"ރާއިފު ގެއްލިގެން ޕޮލިހުން ރަށަށް އައިސް..." އަންޖަލް ބުންޏެވެ. "އަސްލު ކިހިނެއްވީ؟"
"ވިއްސާރަ ވެހިގަތީމަ އަހަރެން އެރީ ދޯންޏަށް،" ރާއިފު ބުންޏެވެ. "އަހަރެން އައި ދޯނި އެ ދިމާގަ އޮތޭ! ވާރެއެއް ނުހުއްޓި! އެ މީހުން ކިޔައިފި ދެން ހިނގާށޭ ރަށަށް ދަމާ! އަހަރެން ނައްޓާލީ! ވަރަށް ކަނޑުގަދަ. ދޯނި ހީވަނީ ބަންޑުން ޖަހާލަފާނެހެން. ދެން ޕޮލިހުން ފަޅުރަށް ކިތަންމެ ވަރަކަށް ހޯދިޔަސް އަހަންނެއް ނުފެންނާނެއްނު!"
އެ ވާހަކަ ގަބޫލު ކުރާކަށް އަންޖަލްއަކަށް ފަސޭހައެއް ނުވިއެވެ. ދެކޮޅު ނުޖެހޭ ކަންކަން ހުރީމައެވެ.
"އަހަރެން ކައިރީ ނުވެސް ބުނެ ރާއިފު ރަށަށް ދިޔައީ؟" ހައިރާން ވެފައި އަންޖަލް ބުންޏެވެ. "ދެން ކީއްވެ ފަހުން ނުގުޅީ؟ ނޭނގޭތަ އަހަރެން ކިހާ ހާސްވާނެ ކަމެއް؟ ރާއިފުގެ މަންމަޔާ، އަހަރެންގެ ކާފަޔާ، މާމަޔާ އެންމެން އުޅުނީ ރާއިފު ގެއްލިގެން. އަޅެ ގުޅާލި ނަމަ."
"ފޯނު ގެއްލުނީއޭ!" ރާއިފު ބުންޏެވެ. "އަދި ވެސް ނުފެނޭ! އަލުން ފޯނެއް ގަންނަން ޖެހޭނީ. ވީހާ ވެސް އަވަހަކަށް މާލެއަށް ދެވޭތޯ އުޅުނީ. ރަށުން އަންނަ އެއްޗެއް ނެތިގެން ރިސޯޓުން ރައްޓެއްސަކާ ގުޅައިގެން ލާންޗުގަ މި އައީ. އަންޖޫ ދެކިލާ ހިތުން. މާލެ އައި ތަނާ އެނގިއްޖެ އަންޖޫ ހުރީ މި ތާކަން."
"ކިހިނެއް އެނގުނީ؟" އަންޖަލް ސުވާލުކުރިއެވެ. "ކާކު ބުނީ؟"
ރާއިފުގެ އަނގަ ބަންދުވި ކަހަލައެވެ. ވިސްނައިލަން އިރުކޮޅެއް ނެގިއެވެ.
"އެއީ ސިއްރެއް،" ރާއިފު ޖަވާބުދިނެވެ. "ހިންޓެއް ދީފާނަން. ފެމެލީ މީހަކު ބުނީ. އަންޖަލް އަމިއްލައަށް ހޯދާ! އެނގިއްޖެއްޔާ އޭނައަށް ތެންކިޔޫ ބުނާތި! ބޮލުގަ ޖަހާ އެތި ގެންގޮސްދިނީތީ!"
ބޭއިހުތިޔާރުގައި ބޮލުގަ ޖަހާ އެތީގައި އަންޖަލްއަށް އަތްލެވުނެވެ. ސިކުނޑިއަށް އޭރު ސުވާލުތައް ފުނިޖެހެނީއެވެ. ބޯކޮށް ވާރޭވެހެނިކޮށް ރާއިފު ރަށަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ ކުރިން ނުބަލާ ގޮތަކަށް ރާއިފު ބަލަނީ ކީއްވެގެން ހެއްޔެވެ؟ ބަތޫރު ބުނި އެއްޗަކާއި ރާއިފު ބުނާ އެއްޗަކާ ދިމާ ނުވަނީ ކީއްވެގެން ހެއްޔެވެ؟ ބަތޫރު އެހައި ފަސޭހައިން ރާއިފު ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ބަތޫރަށް ރާއިފު ހައްޔަރެއް ނުކުރެވޭ ހެއްޔެވެ؟
"ކޯޗެއް ތި ވިސްނަނީ؟" ރާއިފު އެހިއެވެ.
"އަހަނ ރާއިފު؟" ނިޒާރުގެ އަޑުއިވުނެވެ.
އަންޖަލް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ރާއިފު އާއި ނިޒާރު ސަލާން ކޮށްލިއެވެ. ހާލުއަހުވާލު އެހިއެވެ. ރާއިފު ގެއްލިގެން ހޯދި ވާހަކަ އާއި ރާއިފު ހެދި ގޮތް ރާއިފު ކިޔައިދިނެވެ. ހަމަ އަންޖަލްއަށް ރާއިފު ކިޔައިދިން ގޮތަށެވެ. އެންމެ ތަންކޮޅެއް ފިޔަވައެވެ. ރާއިފު ބުނި ގޮތުގައި ކުރެންދޫއަށް ދިޔައީ ވާރޭ ހުއްޓައިލީމައެވެ. އެ ކަން ފާހަގަކުރެވުނު ނަމަވެސް އަންޖަލް އެއްޗެއް ނުބުނެ ހުރީއެވެ.
"ހިނގާ ކާން!" ނިޒާރު އެދުނެވެ.
ރާއިފު ނުކާން އެކި ބަހަނާ ދެއްކިއެވެ. ރައްޓެއްސަކު އިންތިޒާރުގައި ހުރި ވާހަކަ އާއި އެގާރަ ޖެހުމުގެ ކުރިން އެއްޗެއް ގަނެލަންޖެހޭ ވާހަކަ އާއި ބަނޑު ފުރިފައި ހުރި ވާހަކައެވެ. ނިޒާރު ކުރެއް ނުކުރިއެވެ.
"ފޮނި އެއްޗެއް ނަމަވެސް ކާލައިގެން ދެން ދާންވާނީ،" ނިޒާރު ބުންޏެވެ. އެ ވަގުތު ނިޒާރަށް ފޯނެއް އައެވެ. "ދަރިފުޅު ދޭބަލަ ރާއިފު ގޮވައިގެން."
އަންޖަލް އާއި ރާއިފު އެކުގައި ހިނގައިގަތެވެ. އޭރު ވެސް ނުކެވޭނެ ވާހަކަ އާއި ކާ ހިތް ނެތް ކަމުގައި ރާއިފު ބުންޏެވެ. އަންޖަލް އެ އަޑު އިވޭ ކަމަކަށް ނަހަދައެވެ. ކާއެއްޗެހި އަތުރާފައިވާ މޭޒު ކައިރިއަށް ދިޔުމުން ރާއިފު ނެގީ، ފޮނިއެއްޗެހި އަޅާ ކަހަލަ ކުޑަ ތަށްޓެކެވެ. ތަށްޓަށް އެޅީ ވަރަށް ކުޑަ ކަސްޓަޑުކޮޅެކެވެ. އަޅައިގެން ދެ މީހުން އެކުގައި ގޮސް އިށީނެވެ. އެހެނަސް ރާއިފު ނުއެއް ކައެވެ. ތަށްޓަށް ސަމުސާލައިގެން ކުޅެކުޅެ އިނީއެވެ. އަންޖަލް ކަޅި ޖަހައި ނުލައި ރާއިފުއަށް ބަލަހައްޓައިގެން އިނެވެ. އަންޖަލްގެ ހިތް ބުނަނީ ރާއިފުއަކީ ބަތޫރު ކަމަށެވެ.
"ކީއްވެ ތި ވަރަށް ތި ބަލަނީ؟" ރާއިފު އެހިއެވެ.
"ހަމަ ބެލެނީ،" އަންޖަލް ބުންޏެވެ. "ތީ އިންސާނެއް؟"
ރާއިފު ހޭން ފެށިއެވެ. އެ ހުނުމުގައި ވެސް ކުޑަ ތަފާތެއް ހުރިހެން އަންޖަލްއަށް ހީވިއެވެ.
"އަންޖޫ!" ރާއިފު ބުންޏެވެ. "ޖިންނި ފާހަގަ ކުރާނެ ގޮތް އަހަރެން ކިޔައިދެން؟ އެސްފިޔައެއް ނުޖަހާނެ."
"އަމިއްލައަށް ތި ބޭޒާރުވީ!" އަންޖަލް ތެދުވަމުން ބުންޏެވެ. (ނުނިމޭ)