07 އޮކްޓޯބަރ 2025 - 23:48

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ތެރޭގައި 27 ބިލެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދު އަށް މިއަދު ހަވީރު ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ 27 ބިލްގެ ތެރެއިން ހަ ބިލެއް ހާއްސަ ކުރަނީ ކޮރަޕްޝަންގެ މައްސަލަތަކަށް އެޑްރެސް ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން މިހާރު ވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"މި މަހު އެ ފެށުނު މަޖިލީހުގެ ދައުރަށް ވެސް އަޅުގަނޑުމެން އެބަ ހުށަހަޅަން ޖުމްލަ 27 ބިލެއް. އޭގެ ތެރޭގައި މުޅީން އަލަށް، އާ ގާނޫނުގެ ގޮތުގަ އަންނަ 12 ގާނޫނު ވެސް ހިމެނޭ. އަދި ގާނޫނުއަސާސީ އަށް އަންނަ އިސްލާހަކާ އެކު [ގާނޫނުތަކަށް] އިސްލާހުތައް ވެސް އެބަ އާދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ، ރައީސް ވިދާޅުވި ގޮތުގައި، ކުރިން އިއުލާނު ކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހެވެ.
މި 27 ބިލަކީ، ވަށައިޖެހޭ ތަރައްގީ ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިގޮތުން، މަޖިލީހުގެ މި ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި، ތަރައްގީއަށް އެންމެ ބޮޑަށް ހުރަސްއެޅިފައި އޮތް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަން ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ މައްސަލަ އަށް އެޑްރެސް ކުރަން، މި ހުށަހަޅާ ބިލުތަކުގެ ތެރޭގައި އަޅުގަނޑުމެން އެބަ ހުށަހަޅަން ހަ ބިލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި އިސްލާހުތައް ފަރުމާކޮށްފައިވަނީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ނިޒާމުން ކޮރަޕްޝަން ފުހެލުމަށްޓަކައި ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށެވެ.