07 އޮކްޓޯބަރ 2025 - 22:51

ކުރިއަށް އޮތް ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ޓީޗަރުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތައުލީމީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

އެއީ އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށައި އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.

އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި މި ސަރުކާރުން ހަވާލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ވެސް އަލުން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ފަށާފައިވާ، ކޫލް ސްކޫލް، ޕްރޮޖެކްޓުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ވެސް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމަވާނެ ކަމަށެވެ.
"ކްލާސްރޫމުތައް ފިނިކޮށްދިނުމުގެ މަޝްރޫއުއެއް، މިހާރު އެ މަޝްރޫއު ހިންގަމުން އެ ގެންދަވަނީ. އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އެކަން އެޑިއކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދަވާ،" ރައީސް ވިދާޅުވި އެވެ.
"އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް [ކިޔަވަން] ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުން ވެސް ބޭނުން ކުރާނީ ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި."
ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުމަކީ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމަނާފައި ކަމަކަށް ވިޔަސް ވަރަށް ހާލުގައި ހުރި ތަންތަނަށް އިސްކަން ދީގެން ފަހަރަކު ތަނެއް އޭސީ ކޮށް ނިންމައި ދޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް، ކުޑަ ހަރަދެއްގަ އެވެ.