ޣައްޒާގައި ސުލްހަ ގާއިމުވާނެ ޑީލަކަށް ހަގީގަތުގައި ވެސް ފުރުސަތު އެބަ އޮތް: ޓްރަމްޕް
ޣައްޒާގައި ސުލްހަ ގާއިމުވާނެ ޑީލަކަށް ހަގީގަތުގައި ވެސް ފުރުސަތު އެބަ އޮތް: ޓްރަމްޕް

ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނެސް ސުލްހަ ގާއިމުކުރެވޭނެ ޑީލެއް ހެދުމަށް "ހަގީގަތުގައި ވެސް" ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއިން ހަމަލާދީ 1،200 އަށް ވުރެ ގިނަ މީހުން މަރާލުމާ އެކު ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.

އިޒްރޭލުން ޣައްޒާގެ ހިސާރު ވަރުގަދަކޮށް، ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ހުރިހާ އެއްޗެއް ހުއްޓުވައި މުޅި ޣައްޒާ މިހާރު އޮތީ އިންސާނީ ކާރިސާއެއްގެ ތެރޭގަ އެވެ.

"މިކަމުގައި [ސުލްހައިގެ އެއްބަސްވުމެއް ހަދަން] ހަމަ ހަގީގަތުގައި ވެސް ފުރުސަތު އެބަ އޮތް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާ އެކު އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އޮތީ މެދުއިރުމައްޗަށް ސުލްހަ އަންނާނެ އެއްބަސްވުމަކާ ވަރަށް ގާތުގައި ކަމަށެވެ.

މިސްރުގެ ޝަރުމުއްޝައިހްގައި އިޒްރޭލާއި ހަމާސްއާ ދެމެދު މިހާރު ކުރިއަށްދަނީ ޓްރަމްޕު ހުށަހަޅުއްވާފައިވާ 20 ނުކުތާގެ ހުށަހެޅުމާ މެދު ކުރާ މަޝްވަރާއެއް ކަމަށެވެ. މެދުވެރިންގެ ގޮތުގައި އެއްބައެއްގެ ހުށަހެޅުން އަނެއް ބަޔަކަށް ފޯރުކޮށްދެނީ މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުންނެވެ.

ޓްރަމްޕު ވިދާޅުވީ އެމެރިކާގެ މަންދޫބުން ވެސް މަޝްވަރާތަކުގައި ބައިވެރިވަމުން ގެންދާ ކަމަށެވެ.

ގަތަރުގައި ހަމާސްގެ ލީޑަރުންނަށް އަަމާޒުކޮށް އިޒްރޭލުން ހަމަލާ ދިންތާ ހަފްތާތަކެއް ފަހުން ފެށި މި މަޝްވަރާތައް ކުރިއަށް ގެންދަނީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާ އެކު ސިއްރުންނެވެ. މި މަޝްވަރާތަކުގެ މާހައުލު ވަރަށް ރަނގަޅު ކަމަށާއި އެހެންވެ އެއްބަސްވުމަކާ ހިސާބަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވަނީ އެކި އޮފިޝަލުން ވިދާޅުވެފަ އެވެ.