07 އޮކްޓޯބަރ 2025 - 22:11

ފުލުހުން ދެންމެ ބުނީ، އެމްޑީޕީގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމައި މިރޭ ކާން ފަށާފައިވާ ކަމަށް. އެކަމަކު، އެ ކަމާ ގުޅޭ ތަފުސީލެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރޭ.
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ދޫނިދޫގައި މިހާރު ތިބި މީހުން ބަނޑުހައިހޫނުގެ ހަޅުތާލެއް ފަށައިފި އެވެ.
އެމްޑީޕީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރި ހަ މީހުން ހަޅުތާލު ކުރަނީ ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްވުމުން ކަމަށެވެ.
އެ މުޒާހަރާއިން ޖުމްލަ 8 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ހިމެނިވަޑައިގަންނަވަ އެވެ.
އެ އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުން ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންދާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ. އަދި އޭގެ މައުލޫމާތު އެންއައިސީ އައި އެޗްއާރުސީއެމަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.