07 އޮކްޓޯބަރ 2025 - 21:39

މީގެ ދެ އަހަރު ކުރިން މިއަދު އިޒްރޭލަށް ދިން ހަމަލާ އަކީ އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ދެކޮޅަށް ދިން ތާރީހީ ރައްދެއް ކަމަށް ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލު ތެރެއަށް ވަދެގަނެ ކުއްލިއަކަށް ދިން ހަމަލާތަކުގައި 1،219 މީހަކު މަރާލި އެވެ. އަދި 250 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންދިޔަ އެވެ.
"އޮކްޓޫބަރު 7 ގެ 'އަގްސާ ތޫފާން' އަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތް ހުއްޓުވައި މިނިވަންކަމުގެ ހަރަކާތް ނައްތާލުމަށް އިޒްރޭލުން ކުރަމުން ދިޔަ ކަންކަމަށް ދިން ތާރީހީ ރައްދެއްކަން އަދިވެސް ފާހަގަކުރަން،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ފައުޒީ ބަރްހޫމް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.
ވައިގެ މަގުންނާއި އެއްގަމުން އިޒްރޭލު ތެރެއަށް ވަދެ ހަމާސް އިން ދިން އާދަޔާ ހިލާފް ހަމަލާ އަކީ މި ފަހުން ޔަހޫދީންނާ ދެކޮޅަށް ދިން އެންމެ ނުރައްކާ އަދި ގެއްލުން ބޮޑު ހަމަލާގެ ގޮތުގައި ބެލެވިފައި ވާއިރު އިޒްރޭލުން ހަމަ އެ ދުވަހު ރައްދު ހަމަލާތައް ފެށި އެވެ.
ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާއަށް ދޭން ފެށި ހަމަލާތައް އިޒްރޭލުން އަދިވެސް ކުރިއަށް ގެންދާއިރު މިހާތަނަށް ފަލަސްތީނުގެ 67،160 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ލައްކަ ބަޔަކު ޒަހަމްވެފައިވެ އެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި ދޭ ހަމަލާތަކުގައި ޝަހީދުވަމުންދާ ގިނަ މީހުންނަކީ އާންމުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ އެވެ.
އިޒްރޭލުން ޣައްޒާ ހިސާރުކޮށް އެހީގެ ސާމާނު ހުއްޓުވުމުގެ ސަބަބުން މުޅި ޣައްޒާ ވަނީ ބަނޑަށްޖެހި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ޣައްޒާ ވެއްޓިފަ އެވެ. މި ބޮޑު އަނިޔާވެރިކަމާ އެކު އިޒްރޭލަށް މުޅި ދުނިޔެއިން ފާޑުކިޔުން އަމާޒުވެ ދުވަހަކު ވެސް އިޒްރޭލު ބާކީ ނުވާ ވަރަށް މިހާރު ވަނީ ބާކީވެފަ އެވެ.
މި ވަގުތު ދަނީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރަމުންނެވެ. މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުން ބުނަނީ މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށާއި އުންމީދު ބޮޑު ކަމަށެވެ.