ސޯޝަލް މީޑިއާގައި ފުލުހުންނަށް ދިން އިންޒާރަކާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ފޯނު ހިފަހައްޓައިފި
ސޯޝަލް މީޑިއާގައި ފުލުހުންނަށް ދިން އިންޒާރަކާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުކޮށް ދިން އިންޒާރަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ފޯނު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު ޒާޔާގެ ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.

ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސް، ފުލުހުން ޓެގްކޮށް އެ ރޭ ކުރި ޕޯސްޓުގައި ބުނީ އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.

"ހަމަ ޖެހީ، ޖެހީ،" އޭނާގެ ޕޯސްޓުގައި ވެ އެވެ.

އޭނާ އެ އިޝާރަތްކުރީ އެމްޑީޕީން ބާއްވާނެކަމަށް އިއުލާނުކޮށްފައިވާ ބޮޑު އެއްވުމަށެވެ. މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު އެއްވުމަށް ފުލުހުން ހުރަސްއެޅުމުން އިތުރު އެއްވުމަށް ބާއްވަން އިދިކޮޅު ޕާޓީން ވަނީ ނިންމައިފަ އެވެ.

އެންމެ ފަހުން ބޭއްވި އެއްވުން ރޫޅާލަން ފުލުހުން ވަނީ ސޮނިކް ވެޕަނާއި ޕެޕަސްޕްރޭ ބޭނުންކޮށްފަ އެވެ.