މާފުށީގައި ސިޓީ ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި
މާފުށީގައި ސިޓީ ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި

ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، ހައްޖު ކޯޕަރޭޝަނުން އަލުން މިއަދު އިއުލާންކޮށްފި އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، މިދިޔަ އޮގަސްޓް 6 ގައި ކުރި އިއުލާން ބާތިލްކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށެވެ. މަދުވެގެން ތިން ފަރާތަކުން ކުރިމަތިލާން ޖެހުނަސް، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސިޓީ ހޮޓާ އަޅައިދިނުމަށް އެހާވަރަށް ތަރުހީބު ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ދެ ވަނަ ފަހަރަށް އިއުލާންކޮށް، ބިޑިންގައި ރަޖިސްޓްރީވުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.

ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ގޮތަށް ޕްރޮޖެކްޓު ގެންދަން ނިންމާފައިވަނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ދަށުންނެވެ.

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ މުހައްމަދު ޝިހާބެވެ. ޢެއީ ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ރަޖިސްޓަރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް އަންނަ އަންގާރަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. އަދި ބިޑް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 13 ގަ އެވެ.

ޝަކީލް ވިދާޅުވީ މާފުށީގައި އަޅާނީ 242 ކޮޓަރީގެ ހޮޓަލެއް ކަމަށެވެ. އެ ތަނުގައި ޕޫލަކާއި ގެސްޓް ހައުސްތަކުން ލިބޭ އެހެން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީގައި އިސްލާމިކް ޓޫރިޒަމް ފެށުމަށް ހައްޖު ކޯޕަރޭޝަނުން ދެ ވަނަ ފަހަރަށް އިއުލާންކުރިއިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނިން އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ޝަހީމް "މިހާރު" އަށް ވިދާޅުވެފައި ވަނީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ ގުޅޭގޮގުތން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ އެވެ.

ޝަކީލް މީގެ ކުރިން ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.