މީޑިއާ ކޮމިޝަން އިންތިހާބުގައި ވޯޓުލާން 190 މީޑިއާއަކުން ރަޖިސްޓްރީ ވެއްޖެ
މީޑިއާ ކޮމިޝަން އިންތިހާބުގައި ވޯޓުލާން 190 މީޑިއާއަކުން ރަޖިސްޓްރީ ވެއްޖެ

މީޑިއާތައް ކޮންޓްރޯލްކުރާ ކޮމިޝަނަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް، 190 މީޑިއާއަކުން ރަޖިސްޓްރީވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާން ރަޖިސްޓަރީކުރަން މިދިޔަ ބުރާސްފަތި ހުޅުވާލި މުއްދަތު ރޭ ދަންވަރު 12:00 ގައި ހަމަވިއިރު 190 ފަރާތަކުން ރަޖިސްޓަރީވާން ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާ ކޮމިޝަންގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިމިވަނީ، ވޯޓު ލެވޭ މީޑިއާތަކުގެ 53 ޕަސެންޓެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

މި ފަހަރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ އެ ހަތަރު މެމްބަރުން ހޮވުމަށެވެ. އަދި ހަތަރު މެންބަރުންގެ ޖާގައަށް ހަ ބޭފުޅުން ކުރިމަތިލެއްވި އެވެ.

އީސީން ބުނީ އެންމެ ފަހުން ބޭއްވި އިންތިހާބާ އަޅާބަލާއިރު މީޑިއާ ކޮމިޝަންގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މިންވަރު އިތުރު ކަމަށެވެ. އެގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެމްބަރުން ހޮވަން މިދިޔަ ޖޫން 21 ގައި ބޭއްވި އިންތިހާބުގައި 313 މީޑިއާގެ ތެރެއިން ވޯޓުލުމަށް 73 މީޑިއާއެއް ރަޖިސްޓްރީވެފައިވާ ކަމަށް ބުންޏެވެ.

ބްރޯޑްކާސްޓަރުން ތަމްސީލްކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑެސީ ގަބޫލުކުރިއިރު، އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލު ނުކުރަން ވަނީ ނިންމައިފަ އެވެ. ކެންޑިޑެސީ ގަބޫލުކުރި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، އިންތިހާބަކާނުލައި، ބާކީ ތިއްބެވި ދެ ބޭފުޅުން ވަނީ މަގާމަށް އިންތިހާބުވެފަ އެވެ.

އެހެނިހެން މީޑިއާތައް ތަމްސީލްކުރާ މެންބަރުންގެ މަގާމަށް ދެ ބޭފުޅަކު ފޯމު ހުށަހަޅުއްވާފައި ވާއިރު އޭގެ ތެރެއިން އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށް އަނެއް ކެންޑިޑެސީ ބާތިލްކޮށްފައިވާ ކަމަށް އީސީން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ ކެންޑިޑެސީ ގަބޫލުނުކުރީ މީޑިއާއެއްގެ އެޑިޓަރެއްގެ ގޮތުގައި އޭނާގެ ނަން އޮތުމުންނެވެ.

އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ އެއް މެންބަރުގެ މަގާމު އިންތިހާބަކާ ނުލައި ހޮވިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައިވާއިރު ބާކީ އޮތް ސްލޮޓަށް ވެސް ކުރިމަތިލާން ހުޅުވާލި އެވެ.

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިކަން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން މަޖިލީހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.