07 އޮކްޓޯބަރ 2025 - 18:12

އދ. މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މާފަރު ފަޅަށް ވަޑައިގެންފަ އެވެ.
އެ ފަޅަށް ރައީސް ވަޑައިގެން އެތަން ބައްލަވައިލެއްވުމާއި އެއްބަސްވުމުގައި ސޮއި ކުރުމާ އެކު، އަމަލީ މަސައްކަތް ވެސް އެ މަނިކުފާނުގެ އެ ދަތުރުފުގައި ވަނީ ފަށައިފަ އެވެ.
އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމް ކުރަން ސަރުކާރުން ވަނީ ނިންމައި ރަށްތައް ކަނޑައަޅައިފަ އެވެ. މަހިބަދުއަކީ ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އާބަން ސެންޓަރުތައް ވާނީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ކަމަށާއި އެ ތަންތަނުން މަތީ ތައުލީމާއި ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތުތަކެއް ފަހިވާނެ ކަމަށެވެ.