07 އޮކްޓޯބަރ 2025 - 16:37

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން މާދަމާ ބާއްވަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތަކުގެ ވަކިވަކި ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ބޭއްވި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކާ ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކާ ގުރުއަތު ނަގާފައި ނުވާ މީހުންގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގުރުއަތު ނެގުން ބާއްވަނީ މާދަމާ މެންދުރު ފަހު 3:00 އިން ފެށިގެން މިނިސްޓްރީގެ އިދާރާގައި ކަމަށެވެ. އަދި ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުން ކަމަށް ވެސް ބުންޏެވެ.
ގުރުއަތު ނެގުމުން އެ މީހަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރެވޭނެ ކަމަށާއި ގުރުއަތު ނެގުން ކުރިއަށް ގެންދާ މަންޒަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރާމެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގުރުއަތު ނެގުމުގައި ބައިވެރިނުވެވި ބައެއް މީހުން ތިބި ސަބަބަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ކައިވެރިވެފައި ވަނިކޮށް އެ ފްލެޓްތަކުގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނިކޮށް އެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގުމުންނެވެ. އެ ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އޭރު އެންގީ، އެ ފްލެޓްތައް ދިނުމުގައި ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން މައްސަލަ ތަހުގީގުކުރުމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގުރުނެގުން ބާއްވައިފައި ނުވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު، އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން އަދި ނުދެ އެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީން މިދިޔަ އާދިއްތަ ދުވަހު ބުނި ގޮތުގައި، މިހާތަނަށް 3،140 މީހުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައި ވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަނީ 9،500ރ. އަށެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ހަވާލުކުރަން ފެށީ، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ މީހުންނަށެވެ. ޒޯންތަކަކަށް ބަހާލައިގެން ފްލެޓްތައް ހަވާލުކުރަމުން އަންނައިރު، ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.
މި ފްލެޓްތައް އަންނަ ނޮވެމްބަރުގެ ނިޔަލަށް ހަވާލުކޮށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީން ކުރިން ބުނެފައިވެ އެވެ.