07 އޮކްޓޯބަރ 2025 - 15:23

މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރަން އޮޑިޓަ ޖެނެރަލަށް ލާޒިމްކޮށް އަދި މާލީ ބަޔާން ހުށަނާޅާ މިނިސްޓަރުންނަށް ފިޔަވަޅު އަޅާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު، މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިިހާރު އޮންނަނީ މިނިސްޓަރުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުޑޫ ހުށަހެޅުއްވީ އެ މާއްދާ އަށް އަކުރުތަކެއް އިތުރުކޮށް، މިނިސްޓަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އިތުރުން މަޖިލީހަށް ވެސް ހުށަޅަން ލާޒިމްކޮށް، ބަޔާންތައް އާއްމުކުރަން އޮޑިޓާ ޖެނެރަލަށް ލާޒިމު ކުރުމަށެވެ.
އެ މާއްދާއަށް އިތުރުކުރަން ބިލުގައި އޮތް އަނެއް ކަމަކީ މާލީ ބަޔާނުގައި ހުންނަންޖެހޭ ޝަރުތެކެވެ. އެއީ މިނިސްޓަރުންގެ މާލީ ބަޔާނަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްއިން ލައިސަންސް ދީފައިވާ އޮޑިޓަރަކު ސައްހަކަން ކަށަވަރު ކޮށްފައިވާ ބަޔާނަކަށް ވާން ޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ.
މިނިސްޓަރުންގެ މުދަލާއި ފައިސާގެ ތަފްސީލު ހިމެނޭ މާލީ ބަޔާން އެ އުސޫލުތަކާ އެއްގޮތަށް ހުށަނާޅާ ނަމަ އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ބިލްގައި ހުށަހަޅާފައި އޮތީ މުސާރައިން ކެނޑުމެވެ. އެގޮތުން 90 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އޭގެ ފަހުން ކޮންމެ ދުވަހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު އުނިކުރަން އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ މެމްބަރުން މެންބަރު ކަމަށް އިންތިހާބުވާއިރު، މާލީ ހާލަތު ހުރި ގޮތް ހާމަކުރަން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އާއްމު ކޮމިޓީން މިއަދު ނިންމީ އެ އިސްލާހާ މެދު ފަހުން ވިސްނަން ބޭއްވުމަށެވެ.
ކުޑޫ ހުށަހެޅުއްވި ތިން ވަނަ އިސްލާހަކީ މިނިވަން މުއަައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރަން ލާޒިމުކޮށް، އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ. އެކަމަކު، އެ އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.