07 އޮކްޓޯބަރ 2025 - 12:24

ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމަށް ހިންގި ހަރަކާތެއްގައި 2 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ރަށް ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް އާއި ޕާލޭ މޯލްޑިވްސްއާ ގުޅިގެން ހިންގި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން 2.1 ޓަނުގެ ކުނި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ.
އެޗްޑީސީން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ގޮނޑުދޮށުން ވަނީ 252.7 ކިލޯގެ ރިސައިކަލް ކުރެވޭ ޕްލާސްޓިކް ނަގައިފަ އެވެ. އެހެނިހެން ޕްލާސްޓިކްގެ ގޮތުގައި 115 ކިލޯގެ ސާމާނާއި ދަގަނޑު ނުވަތަ އެލުމިނިއަމްގެ ބާވަތްތައް ހިމެނޭ 63 ކިލޯގެ ސާމާނު ނަގާފައިވެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ހަރަކާތުގައި 52 ކިލޯގެ ބިއްލޫރި އާއި އެހެނިހެން ކުނީގެ 1.6 ޓަނުގެ ކުނި ހުޅުމާލެ އިން ނަގާފައިވެ އެވެ.
އެ ހަރަކާތުގައި ހުޅުމާލޭގެ ފޭސް 1 އާއި ހުޅުމާލޭ 2 ގެ މޫދު ކައިރި އާއި ބްރިޖު ހިމެނޭ ސަރަހައްދު ސާފުކޮށްފައިވެ އެވެ.