07 އޮކްޓޯބަރ 2025 - 12:09

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާކުރި ތިން މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.
ދައުލަތުން އަނބުރާ ގެންދިޔައީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާކުރި ދެ މައްސަލައަކާއި އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާކުރި މައްސަލަ އެކެވެ.
އެ މައްސަލަތަކުގައި ދަށު ކޯޓުން ކުށް ސާބިތު ނުވުމުން، އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، މި މަހު ދައުލަތުން އަނބުރާ ގެންދިޔައީ އެ މައްސަލަތަކުގައި ހާދިސާ ހިނގިތާ އެތައް އަހަރު ވެފައިވާއިރު އަދި ހައި ކޯޓުން މައްސަލަ ނުނިމި ވެސް އަހަރުތަކެއް ވެފައިވާތީ ކަމަށް ބުނެ އެވެ.
މީގެ އިތުރުން އޭގެ ތެރެއިން ދެ މައްސަލައެއްގައި އަނިޔާ ލިބުނު ކުޑަކުދިންގެ އާއިލާތަކުން ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ދައުލަތުން ހައި ކޯޓަށް ފޮނުވި ސިޓީތަކުގައި ބުނެފައިވާ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ، ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ވަނީ އެ މައްސަލަތައް ބާތިލްކޮށްފަ އެވެ.