ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު އާންމުކޮށްފި
ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު އާންމުކޮށްފި

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު ހަދައި އިއްޔެ އާންމުކޮށްފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށް ވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލު ހަދައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ. މި ސަރުކާރުން ގެނައި އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.

އެ އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި މި އުސޫލުގައި ވަނީ އެ ހުއްދަތައް ހޯދަން ކައުންސިލްތަކުން އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ.

އެލްޖީއޭ އިން މި އުސޫލު އާންމުކުރީ އެ އުސޫލު ހަދަން ކަނޑައެޅި މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އުސޫލު އާންމުނުކުރާތީ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ލާމަރުކަޒީ ގާނޫނަށް މިފަހަރު ގެނައި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިތައް ނުކުރެވޭނެ އެވެ. އެ އިސްލާހާ ތައާރަޒުވާ ގޮތަށް މިހާރު ވިޔަފާރިއެއް ހިންގާ ނަމަ، އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކަން ހުއްޓާލަން ޖެހޭނެ އެވެ.

އެ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ކަހަލަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމްކުރުމެވެ.