އެސްޑީއެފްސީގެ ލޯނު ދެއްކުން ދަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައިދެނީ
އެސްޑީއެފްސީގެ ލޯނު ދެއްކުން ދަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައިދެނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީއާ ހުއްދަ ކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރަން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި، އެ ބޭންކުން ދީފައިވާ ލޯނުތައް ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކޮށް، ލުއިތަކެއް ދޭން ނިންމައިފި އެވެ.

އެސްޑީއެފްސީން މިއަދު ބުނީ، ލޯނުތައް ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގައި، އިސްކަން ދޭނީ އެކިއެކި ސަބަބުތަކާ ހެދި ލޯނު ދައްކަން ދަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދޭން ކަމަށެވެ.

އެސްޑީއެފްސީން މި އަހަރުގެ ޖުލައި މަހު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން 36.29 ޕަސެންޓު ފައިސާ ލިބިފައި ނުވި ހުއްޓެވެ. އެކަމަކު، އެ ބޭންކުން ބުނެފައި ވަނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން، ފައިސާ ހަލާސް ކުރަން އޮންނަ މުއްދަތު އިތުރު ކޮށްދިނުން ފަދަ ލުއިތައް އާ ނިންމުންތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެސްޑީއެފްސީން މިއަދު ބުންޏެވެ. މިބަދަލާ އެކު، ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު، ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެސްޑީއެފްސީން ބުނި ގޮތުގައި، ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކުގެ ތެރެއިން އެ ބޭންކުން ފުރަތަމަ ބޭނުން ކުރާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓް އެވެ.

އިންތިޒާމުތައް ހަމަޖެހެމުން އަންނަ ވަރަށް ބަލައި، ވަކާލާ ބިލް އިސްތިސްމާރު އަދި ތަވައްރުގު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތައް ވެސް ކުރިމަގުގައި ތައާރަފު ކުރާނެ ކަަމަށް ވެސް އެ އެބޭންކުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރު ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން މިއަދު ވިދާޅުވީ، މި ފަަހަރު ގެންނަ ބަދަލުތަކާ އެކު، އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ފައިސާ ދައްކަން ދަތިވެފައިވާ މީހުންނަށް ލުޔެއް ލިބޭނެ ކަމަށެވެ.

"އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާ އެކު، އަޅުގަނޑުމެން މި ކުންފުނި ހިންގަމުން ދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި. މި ފިޔަވަޅާ އެކު، ލޯނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީއާ އުސޫލުން އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާ އެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލު ވެވެނިވި ވަށައިޖެހޭ ހައްލުތަކެއް ހޯދައި ދިނުން."

މި ބަދަލާ އެކު، އެސްޑީއެފްސީ ވާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ބަޔަކަށް ކަމަށް އެ ބޭންކުން ބުންޏެވެ.