07 އޮކްޓޯބަރ 2025 - 12:14

އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓަށް ވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އޮފީހުގެ ބަޖެޓު ބޮޑުވި އެއް ސަބަބަކީ، އެ އޮފީހުގެ ބައެއް ޑިޕާޓްމެންޓްތަކަށް ސީނިއާ އޮޑިޓަރުން ނަގަން ޖެހޭތީ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 114 މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުން ބުނީ، އެކުންފުނީގައި 22 ޔުނިޓް މަސައްކަތް ކުރާއިރު ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ، ސީނިއާ އޮޑިޓަރެއް ނުވަތަ ޑިޕާޓްމެންޓް ހެޑުން ނެތި ކަމަށެވެ. އެހެންވެ، އަންނަ އަހަރު އެ މަގާމުތަކަށް މުވައްޒަފުން އައްޔަނު ކުރުމުން ބަޖެޓް އިތުރުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
"ޕީއެސްއައިޕީގައި މިއަންނަ އަހަރަށް ބަޖެޓުކޮށްފައި މިއޮތީ 41.5 މިލިއަން. މިހާތަނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންގެ ބަޖެޓުން ހަރަދުވެފައި އޮންނާނީ 65.68 މިލިއަން ރުފިޔާ. އަޅުގަނޑުމެންގެ މަސައްކަތްތައް ދާ ގޮތުން މިއަންނަ އަހަރު މާޗްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓިމޭޓްކޮށްފައި މިވަނީ،" އޮޑިޓް އޮފީހުން ބުންޏެވެ.
ޕީއެސްއައިޕީގެ ތެރޭގައި ހިމެނެނީ، މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ ދަށުން އެމްޓީސީސީއަށް ދައްކަން ޖެހޭ 35 މިލިއަން ރުފިޔާ އާއި އާ އޮފީހަށް ބޭނުންވާ ފަރުނީޗަރު ހޯދުން ކަމަށެވެ. އެކަމަށް ވެސް 6.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު އެ އޮފީހުން 81 އޮޑިޓެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފައިނޭންޝަން އޮޑިޓާއި ކޮމްޕްލަޔަންސް އާއި ޕާފޯމަންސް އޮޑިޓްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޕެޝަން އޮޑިޓްގެ ތެރޭގައި ހިމެނޭ ނުވަ އޮޑިޓަކާއި ސަރުކާރުގެ ފިސްކަލް ހާލަތު ބެލުމަށް އަށް އޮޑިޓެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އެ އޮފީހުގެ މެންޑޭޓާ ބަލާއިރު އަދިވެސް އެ އޮފީހުގައި މަސައްކަތް ކުރާ އޮޑިޓަރުންގެ އަދަދު މަދު ކަމަށެވެ. އެ އޮފީހުގެ މިވަގުތު 170 މުވައްޒަފުން މަސައްކަތް ކުރާ އިރު އޭގެ ތެރެއިން އޮޑިޓަރުންނަކީ 150 އެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިބަދަލީ މުވައްޒަފުން އިތުރު ނުކޮށް އެފިޝަންސީ ރަނގަޅުކޮށްގެން ކަންކަން ކުރުމަށް. އިމާރާތަކީ، މިހާރުގެ ބޭނުންތައް ފުދޭވަރަކަށް ނޫން. ކުރިއަށް އޮތް 50 އަހަރަށް ވެސް މުވައްޒަފުން އިތުރުވިޔަސް ގާތްގަނޑަކަށް 280 އަށް އިތުރުވިޔަސް އެއަށް ކޭޓާ ކުރެވޭނެ މިންވަރަށް ޑިޒައިން ކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ އާ އޮފީސް އިމާރާތުގައި މިވަގުތު އޮފީސް ހިންގުމަށް ބޭނުންވާ ވަރަށް ވުރެ ޖާގަ ބޮޑުވާނެ ކަމަށާއި އެހެންވެ ވިސްނުމަކީ ދައުލަތުގެ އެހެން އޮފީސްތައް ހިންގުމަށް ވެސް ޖާގަ ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓް އޮފީސް މިހާރު ހިންގުމަށް ކުއްޔަށް ވަރަށް ބޮޑު ހަރަދެއް ހިނގާއިރު، އާ އޮފީހާ އެކު އެކަމުގެ ހަރަދު ކުޑަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްޓިމޭޓަކީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ތެރޭގައި ލިބޭ ސޭވިންގެ ތެރެއިން ވެސް އިމާރާތައް ދާ ހަރަދު ރިކަވާ ވާނެ ކަމަށް. މަސައްކަތުގެ ސްޕީޑު ވެސް މިދަނީ އިތުރު ކުރަމުން،" އޭނާ ވިދާޅުވި އެވެ.