ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ
ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ރާއްޖޭގެ އެންމެ ވާދަވެރި ދެ ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި، ވިކްޓްރީ މި މަހު 21 ވަނަ ދުވަހު ކުޅޭ މެޗުގައި، ދެ ޓީމުން ވެސް، ކުރީގެ ތާރީހީ ޖާޒީ ބޭނުންކުރަން ނިންމައިފި އެވެ.

ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ
ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ

މި މެޗުގައި ނިއު އިން ލާނީ އެ ޓީމުން ގައުމީ ތަށި އެންމެ ފުރަތަމަ އުފުލާލި އަހަރު ކަމަށްވާ 1982 ގައި ބޭނުންކުރި ފެއްސާއި، ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ. އެއީ ނިއުގެ ރަަސްމީ ކުލަތައް ކަމަށްވާ ނުލާއި، ހުދު ނޫން ކުލައެއްގެ ޖާޒީއެއް އެ ޓީމުން ބޭނުންކުރި މަދު ފަހަރުތަކުގެ ތެރެއިން އަހަރެކެވެ.

ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ
ނިއު އާއި ވިކްޓްރީގެ މެޗުގައި ފެންނާނީ 80ގެ އަހަރުތަކުގެ ތާރީހީ ޖާޒީ

ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ވިކްޓްރީ އަތުން 2-1 އިން މޮޅުވެ ނިއު ހޯދި އެ ތަށްޓަކީ އެ ކްލަބުގެ ތާރީހުގެ އެންމެ ހާއްސަ އެއް ކާމިޔާބީ ކަމަށާއި، މި މެޗުގައި އެ ޖާޒީ ލަނީ އޭރުގެ ކުޅުންތެރިންގެ އަގުވަޒަންކޮށް ހަނދާން އާކުރުމުގެ ގޮތުން ކަމަށެވެ.

މޫސާ މަނިކު (ކުޑަމޫސަ) އާއި ރިނބިދޫ އަހުމަދު ނާސިރު (ނާބެ) އާއި އަތަމާ މޫސާ މަނިކާއި، އަހުމަދު މަނިކު (ކުވާ އަހައްމަދޭ) އަދި އިބްރާހީމް ސަލީމް (މެޓާ) ފަދަ ކުޅުންތެރިންނާ އެކު އެ އަހަރު ނިއު މޮޅުވި ނަމަވެސް ޖެހިގެން އައި ތިން ފަހަރު ވިކްޓްރީން ތަށި ހޯދައި ގައުމީ ތަށި މިލްކުކުރީ އެވެ.

އޭގެ ތެރެއިން 1985 ގައި ތަށި މިލްކުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށްގެންނެވެ. އެ ފަހަރު ވިކްޓްރީގެ ތަރިންނަކީ ކެޕްޓަން ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާއި، އިބްރާހީމް އިސްމާއިލާއި، މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ކުޅުންތެރިންނެވެ. ވިކްޓްރީން މި މެޗުގައި ބޭނުންކުރަނީ އެ ފަހަރު ފައިނަލުގައި ލީ އެ ކްލަބުގެ ސަގާފީ ރަތްކުލައިގެ ޖާޒީގެ ފަރުމާއެކެވެ.

ވިކްޓްރީގެ ވައިސް ޗެއާމަން އިބްރާހީމް ނަޒީމް ވިދާޅުވީ މިއީ އެ ކާމިޔާބަށް 40 އަހަރު ފުރޭ އަހަރަށްވާތީއާ އެކު، މި މެޗުގައި އެ ޖާޒީ ބޭނުންކުރަނީ އެކަން ފާހަގަކުރުމުގެ އިތުރުން ދެ ޓީމުގެ ވާދަވެރިކަން އަލުން އިޔާދުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މި މެޗަކީ، ނިއު އާއި ވިކްޓްރީން 2018 ގެ ފަހުން ފުރަތަމަ ޑިވިޝަނުގައި ބައްދަލުކުރާ ފުރަތަމަ މެޗު ވެސް މެ އެވެ. އެފްއޭއެމުން ދިން އަދަބަކާ ގުޅިގެން މިދިޔަ ހަ އަހަރު ދެ ވަނަ ޑިވިޝަނުގައި އޮތް ނިއު އާއި ވިކްޓްރީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި، އެންމެ ސަޕޯޓަރުން ގިނަ ދެ ޓީމެވެ. މި ދެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި މެޗުތަކަށް ވެސް ގިނަ ބަޔަކު ވަނެ އެވެ.

އެނގިފައިވާ ގޮތުގައި "ރަސްވާދަ" އިގެ ގޮތުގައި ފަހަކަށް އައިސް ޕްރޮމޯޓްކުރާ މި ދެ ޓީމުގެ މި ފަހަރުގެ ކުރިމަތިލުން ފޯރިގަދަކުރަން ދެ ކްލަބް ގުޅިގެން އަންނަނީ ހަރަކާތްތަކެއް ރާވަމުންނެވެ.

ލީގުގައި މި ވަގުތު ނިއު އޮތީ ތިން މެޗުން މޮޅުވެގެން ނުވަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ވިކްޓްރީ އޮތީ އެއް މެޗުން މޮޅުވެ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.