07 އޮކްޓޯބަރ 2025 - 11:15

ޓްރީޓޮޕް ހޮސްޕިޓަލުން މ. މުލީގައި ހެލްތު ކޭމްޕެއް ބާއްވަން އިއުލާނުކޮށްފި އެވެ.
އެއީ އެ ހޮސްޕިޓަލުން މިއަހަރު ބާއްވާ އެފަދަ ހަތަރު ވަނަ ކޭމްޕެވެ. އެ ކޭމްޕު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު އެވެ. އެ ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ އެކި ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ އެވެ. އެއީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ކޭމްޕުތަކެކެވެ.
މ. މުލީގައި ބާއްވާ ހެލްތު ކޭމްޕުގައި ޓްރީޓޮޕްގެ ފަރާތުން ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:
- ކަރުންމަތީގެ ބަލިތަކުގެ (އީއެންޓީ) ހާއްސަ ކޮންސަލްޓަންޓް، ޑރ. ޗަންދްރަޝޭކަރް ރާވަލް
- ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. އަލީ މުޒްނީ
- ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. މުހައްމަދު ހަބީބް
- ކިޑްނީ ބަލިތަކުގެ ހާއްސަ ކޮންސްލްޓަންޓް، ޑރ. ޖާޔާ ޕްރަކާޝް ނާދަން
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. މެހްމެޓް އޮޑާ
- ހިތުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. މޫސާ މަނިކް އިބްރާހިމް
- އަންހެނުންގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. މާރިޔާ ކްރިސްޓީނާ އަލްމޮންޓޭ
އެ ކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލާއި މުލީ ރީޖަނަލް ހޮސްޕިޓަލް އެރަށު ކައުންސިލް އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ. އެ ކޭމްޕްގެ ދަތުރުތައް ހަމަޖެއްސުމުގައި ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން (ޓީ.އެމް.އޭ) އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ކޭމްޕްގައި އެރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރުނުކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2 ޖަހަންދެން މުލީ ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6720605 އަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ އެވެ.