ގިނަ ދަރިން ހޯދަން ބާރުއަޅަން އިނާޔަތެއް ދޭން ގޮވާލައިފި
ގިނަ ދަރިން ހޯދަން ބާރުއަޅަން އިނާޔަތެއް ދޭން ގޮވާލައިފި

ރާއްޖޭގައި އާބާދީ އިތުރުވާ މިންވަރު ދަށްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އިނާޔަތެއް ދީގެން ނަމަވެސް އާބާދީ އިތުުރުކުރުމަކީ ސަރުކާރުން ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 65 އަަހަރުވުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭން މަގުފަހިކުރަން ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ހަމީދު ވިދާޅުވީ އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށް ވުރެ އިތުރަށް ދަރިން ނުހޯދުމަކީ މިހާރު "ފެޝަނަކަށް ވެފައިވާ" ކަމަށެވެ. އެކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އިސްނަގައިގެން ވެސް ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެ ކުދިންނަށް ވުރެ ގިނައިން ނޫނީ ތި ންކުދިންނަށް ވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދީގެން ނަމަވެސް، [އާބާދީ އިތުރުކުރަން ބާރު އެޅުމަކީ] މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި އަޅުގނޑު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.

މީގެ 40 ނުވަތަ 50 އަހަރު ފަހުން ރާއްޖޭގެ އާބާދީ އިތުރުވުން މައިނަސް ފިގާއަކަށް އަންނާނެ ކަމަށް ސާވޭތަކުން ދައްކާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ފިޔަވަޅު އަޅަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ރާއްޖޭގައި ވިހާ ރޭޓް މަތި ނުވެއްޖެ ނަމަ މީގެ ގާތްގަނޑަކަށް 50 އަހަރު ފަހުން އޮންނާނީ މުސްކުޅި އާބާދީއެއް ކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ތަފާސްހިސާބުގައި ވެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މާނައަކީ، ދަރިމައިވާ އުމުރުގައި އެވްރެޖުކޮށް ހަތް ކުދިންނަށް ވުރެ ގިނައިން ހޯދަ އެވެ. އޭގެ ތިރީހަކަށް އަހަރު ފަހުން 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ.

ވަހީދު ވިދާޅުވީ ރިއެމްޕްލޯއިމެންޓް ބިލަށް ވާހަކަ ދައްކާ އިރު ރާއްޖޭގެ އާބާދީގެ މައްސަލަ ސަމާލުކަމަށް ގެނައުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ދިވެހި ސަރުކާރަށާއި ދިވެހިރާއްޖޭގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އަދި އެހީތަކާ އިންސެންޓިވްތަކެއް ދީގެން ނަމަވެސް މިކަން ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް،" ހަމީދު ވިދާޅުވި އެވެ.

އުމުރުން 65 އަހަރުވުމުން ރިޓަޔާ ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮތް ބައި، ބަދަލުކޮށް، ރިޓަޔާ ކުރުން މީހުންގެ އިހްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި 2058 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް 28 ޕަސެންޓުން 18 ޕަސެންޓަށް ދަށްވާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދިީ ފަސް ޕަސެންޓުން 40 ޕަސެންޓަށް އިތުރުވާނެ އެވެ. އެ ބަދަލު އަންނާނީ ދަރިމައިވުމުގެ ރޭޓް ދަށްވުމާ އެކު ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެގެން ކަމަށް ވެސް އެ ސާވޭއިން ދެއްކި އެވެ.