07 އޮކްޓޯބަރ 2025 - 10:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ގަލްފް އެއާ އަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.

ގަލްފް އެއާއަށް ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުން ފާހަގަކުރަން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުالله ގިޔާސްއެވެ. ގަލްފް އެއާގެ އެއާޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި އެމްއޭސީއެލް އާއި ގަލްފްއެއާގެ އިސް އެހެން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ގަލްފް އެއާއިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދިނުން އޮތެވެ.
އާ ޓާމިނަލަށް ކައިރި ކުރި ގަލްފް އެއާގެ ފުރަތަމަ މަތިންދާބޯޓު، ޖީއެފް-145 އަށް މަރުހަބާ ކިއުމުގެ ގޮތުން އެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އެރުވި އެވެ. އަދި އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކި އެވެ.
ގަލްފް އެއާއަކީ ބަހްރެއިންގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019ގަ އެވެ. ގަލްފް އެއާ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެ އާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވަ އެވެ.
ގަލްފް އެއާއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ނުވަ ވަނަ އެއާލައިނެވެ. އަދި ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެ ވަނަ އެއާލައިނެވެ.
ޓާމިނަލް އެކަކުން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން އާއި އެއާ އަރަބިއާ އާއި ބިއޯންޑް އާއި ފިޓްސް އެއާ އާއި ބެއިޖިން ކެޕިޓަލް އެއާލައިންސް އާއި ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.