ސްޕެއިނާއި، އިޓަލީ ލީގު މެޗުތައް ގައުމުން ބޭރުގައި ކުޅެން ޔުއެފާ އިން ހުއްދަދީފި
ސްޕެއިނާއި، އިޓަލީ ލީގު މެޗުތައް ގައުމުން ބޭރުގައި ކުޅެން ޔުއެފާ އިން ހުއްދަދީފި

ސްޕެނިޝް ލީގާއި، އިޓާލިއަން ލީގުގެ މެޗެއް އެމެރިކާ އާއި، އޮސްޓްރޭލިއާގައި ކުޅެން ހުއްދަ ދީފައިވާ ކަމަށާއި، އެކަމަކު އެގޮތަށް ނިންމީ ހިތްހަމަޖެހިގެން ތިބެ ނޫން ކަމަށް ޔުއެފާ އިން ބުނެފި އެވެ.

ސްޕެނިޝް ލީގުން ރާވާފައި އޮތީ ޑިސެމްބަރު މަހު ބާސެލޯނާ އާއި، ވިޔަރެއާލުގެ މެޗެއް އެމެރިކާގެ މަޔާމީގައި ބާއްވާށެވެ. އަދި އިޓާލިއަން ލީގުން ރޭވީ ފެބްރުއަރީ މަހު އޭސީ މިލާނާއި، ކޯމޯގެ މެޗު އޮސްޓްރޭލިއާގައި ޕާތުގައި ކުޅޭށެވެ.

ޔުއެފާ އިން ހުއްދަ ދިން ނަމަވެސް، މިކަން ކުރެވޭނީ ފީފާގެ އެޕްރޫވަލް ލިބިގެންނެވެ. އެހެންވެއްޖެ ނަމަ މިއީ ޔޫރަޕުގެ ލީގު މެޗުތަކެއް ގައުމުން ބޭރުގައި ބާއްވާނެ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.

ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވީ މި ދެ މެޗު ގައުމުން ބޭރުގައި ކުޅެން ހުއްދަ ދެއްވި ނަމަވެސް އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި މި ގޮތަށް މި ފަހަރު ނިންމެވި ނަމަވެސް، މިއީ އުސޫލެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕުގެ އެހެން ލީގުތަކާއި، ބައެއް ކްލަބްތަކާއި، ސަޕޯޓަރުންގެ ގްރޫޕްތަކުން ވެސް އަންނަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ، ލީގު މެޗުތަކަކީ އެ ކްލަބަކުން އަމިއްލަ ދަނޑުގައި، ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މެޗަކަށްވެފައި، މާ ދުރުގައި އޮތް އެހެން ގައުމެއްގައި ކުޅޭ ނަމަ އެ ފުރުސަތު ގެއްލޭތީވެ އެވެ.

އިޓާލިއަން ލީގުން ބުނީ މިއީ ލީގުގެ އޮނިގަނޑަށް ގެންނަ ބަދަލެއް ނޫން ކަމަށާއި، މި އުސޫލުން ކުޅޭނީ މި މެޗު އެކަނި ކަމަށެވެ. އެ ލީގުން ބުނީ، މިގޮތަށް ރޭވީ މިލާނުގެ ސެން ސީރޯ ސްޓޭޑިއަމް އެ ދުވަސްވަރު ވިންޓާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންކުރާނެތީއާ އެކު ކަމަށެވެ.

"އެހެންވެ ފުރުސަތެއް ލިބުމުން އޭގެ ބޭނުން ހިފައި އެހެން ގައުމަކަށް މެޗު ގެންދަން ބޭނުންވީ،" ލީގުގެ އޮފިޝަލަކު ބުންޏެވެ.

ގައުމުން ބޭރުގައި ލީގު މެޗުތައް ކުޅުމަކީ އެމެރިކާގެ ބާސްކެޓްބޯޅަ ލީގާއި، އެމެރިކަން ފުޓްބޯޅަ ލީގުގައި އާއްމުކަމެކެވެ.