ހޯނޑެއްދުއަށް ފޮނުވާލި ބަލި މީހާގެ ހާލަތު އެބަ ބަލަން: މިނިސްޓްރީ
ހޯނޑެއްދުއަށް ފޮނުވާލި ބަލި މީހާގެ ހާލަތު އެބަ ބަލަން: މިނިސްޓްރީ

ގދ. ހޯނޑެއްދޫގައި ބަލާނެ މީހަކު ނެތި އުޅެމުން އަންނަ އުމުރުން ދުވަސްވީ މީހާއާ އެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މީހާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ ރަށުގެ 64 އަހަރުގެ އަންހެނަކަށް ފަރުވާދޭން، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިދިޔަ މަހު ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އެތަނުގައި މަސް ދުވަހު ފަރުވާ ދިނުމަށް ފަހު ވަނީ ރަށަށް ފޮނުވާލައިފަ އެވެ.

އެކަމަކު، ދަރިއަކު ވެސް އެމީހާއަަށް އަޅާލާނެ މީހަކު ނެތެވެ. ދުނިޔޭގައި ހުރި 73 އަހަރުގެ ފިރިމީހާ ވެސް ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަނބިމީހާ ބެލުމަށް ވަނީ ނުކުޅެދިފަ އެވެ.

އެ މައްސަލާގައި ސުވާލުކުރުމުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ވިދާޅުވީ އެކަން މިނިސްްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެ މީހާއާ އެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކައުންސިލާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އެ މީހާގެ ހާލަތު ބެލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން،" ލަހުފާ ވިދާޅުވި އެވެ.

ހޯނޑެއްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އަންހެން މީހާ ރަށަށް ގެންދިޔައީ ސަރުކާރުގެ ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ކަމަށެވެ.

މިނިސްޓްރީގެ އެހީގައި އޭނާ ރަށަށް ގެންދިއުމަށް ފަހު ފުރަތަމަ ބެހެއްޓީ ހެލްތު ސެންޓަރުގަ އެވެ. އެ ދުވަސްތަކުގައި ކާން ދިނީ އެތަނުގައި އުޅޭ މުވައްޒަފުންނެވެ. އެކަމަކު އެޑްމިޓްނުކުރާތީ އޭނާއަށް ދެވޭނެ ފަރުވާއެއް ނެތިގެން ގެއަށް ފޮނުވާލީ އެވެ. ކުރިން އަމިއްލައަށް ހިނގައި އުޅުނު އެ މީހާއަށް، މި ފަހުން އުޅެވެނީ އެހެން މީހުންގެ އެހީގަ އެވެ.

ކައުންސިލުން ބުނި ގޮތުގައި އެމީހާ ރަށަށް ގެންދިޔައީ ވެސް، އެ މީހާ މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހޯނޑެއްދޫ ކައުންސިލާއި ސިއްހީ މަރުކަޒުން، ހެލްތު މިނިސްޓްރީ އާއި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިދިޔަ މަހުގެ 11 ގައި އެދިފައިވަނިކޮށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަމިއްލައަށް ނޫޅެވޭ މީހުން ބެލެހެއްޓުމަކީ ސޯޝަލް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު އެފަދަ އެހީތެރިކަން ބޭނުންވާ މީހަކަށް އަޅާނުލައި ދޫކޮށްލުމުން ހޯނޑެއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.