ޣައްޒާގެ ގަތުލްއާންމަށް ދެ އަހަރު: ސުލްހަވޭތޯ ހަމާސް-އިޒްރޭލުގެ ނުސީދާ މަޝްވަރާތައް ފަށައިފި
ޣައްޒާގެ ގަތުލްއާންމަށް ދެ އަހަރު: ސުލްހަވޭތޯ ހަމާސް-އިޒްރޭލުގެ ނުސީދާ މަޝްވަރާތައް ފަށައިފި

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް މިއަދު ދެ އަހަރު ފުރުނު އިރު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ ޕްލޭން ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ހަމާސް އާއި އިޒްރޭލާ ދެމެދު އިއްޔެ ނުސީދާކޮށް މިސްރުގައި ފަށައިފި އެވެ.

އިޒްރޭލާއި ހަމާސްގެ ވަފުދު މިސްރުގެ ޝަރުމުއްޝައިހްގައި މަޝްވަރާތައް ކުރިއަށް ގެންދާއިރު، މިސްރުގެ ޖާސޫސީ އިދާރާއާ ގުޅުން އޮންނަ ގާހިރާ ނިއުސް އިން ބުނީ އިއްޔެގެ މަޝްވަރާތައް ކުރިއަށް ދިޔައީ "ވަރަށް ޕޮޒިޓިވް މާހައުލެއްގައި" ކަމަށެވެ. އަދި މިއަދުވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

ގަތަރުގައި ހަމާސްގެ ލީޑަރުންނަށް އަަމާޒުކޮށް އިޒްރޭލުން ހަމަލާ ދިންތާ ހަފްތާތަކެއް ފަހުން ފެށި މި މަޝްވަރާތައް ކުރިއަށް ގެންދަނީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާ އެކު ސިއްރުންނެވެ. އިޒްރޭލާއި ހަމާސްއާ އިން ވާހަކަ ދައްކަނީ މެދުވެރިއަކާ އެކުގަ އެވެ. އެއީ އެއް ބަޔަކާ ވާހަކަ ދެއްކުމަށް ފަހު އެ ވާހަކަތައް އަނެއް ބަޔަކާ ހިއްސާކުރާ ގޮތަށެވެ.

ގާހިރާ ނިއުސް އިން ބުނި ގޮތުގައި އިއްޔެ މަޝްވަރާކުރީ އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމާ ބެހޭ ގޮތުންނެވެ.

"މިސްރާއި ގަތަރުގެ މީޑިއޭޓަރުން ވަނީ އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގައި އަމަލުކުރާނެ މެކޭނިޒަމެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި،" އެ ނޫހުން ބުންޏެވެ.

އެމެރިކާގެ ރައީސް ޓްރަމްޕު ވައިޓް ހައުސްގައި ވިދާޅުވި ގޮތުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވޭނެކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.

"އަޅުގަނޑަށް ހީވަނީ ހަމާސް އިން ވަރަށް މުހިންމު ކަންކަމަށް މިހާރު އެއްބަސްވަމުންދާހެން... އުންމީދުކުރެވެނީ އެއްބަސްވުމަކާ ހަމަޔަށް ދެވޭނެ ކަމަށް."

މިސްރުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދިޔަ މަހު ދޯހާގައި އިޒްރޭލުން ދިން ހަމަލާގައި ސަލާމަތްވި ހަމާސްގެ އިސް މަންދޫބު ޚަލީލް އަލް ހައްޔާ ވަނީ މަޝްވަރާގެ ކުރިން މިސްރުގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،219 މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މިއީ ހަމާސް ނައްތާލަން ދޭ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ އަދި މިހާރުވެސް ވަމުންދަނީ އާންމުންނެވެ. އޭގެ ތެރޭގައި ވެސް އަންހެނުންނާއި ކުޑަކުދިން ގިނަ އެވެ.