07 އޮކްޓޯބަރ 2025 - 00:09

ބާސެލޯނާގެ ލޯން ޓްރާންސްފާގައި ފްރެންޗް ލީގުގެ މޮނާކޯ އަށް ބަދަލުވެ ފޯވާޑް އަންސޫ ފާޓީ އަލުން ކުރީގެ ކުޅުން ދައްކަން ފަށައިފި އެވެ.
ބާސާގައި ކުރިން "ނިއު މެސީ" ގެ ގޮތުގައި މަޝްހޫރު ކުރި ފާޓީ އަށް ކައިރިކައިރީގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހެދި އޭނާގެ ކުޅުން އެއްކޮށް ގެއްލުނެވެ. އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ނަމަވެސް، ކުރީގެ ކުޅުން އޭނާ އަކަށް ތަކުރާރެއް ނުކުރެވުނެވެ.
ލޯނު އުސޫލުން މީގެ ކުރިން ކްލަބް ބަދަލު ކުރި ނަމަވެސް އަސްލު ކުޅުމެއް ނުދެއްކުނެވެ. މިދިޔަ އަހަރު އޭނާ ހޭދަ ކުރީ ބްރައިޓަންގަ އެވެ.
މި އަހަރު އަނެއްކާވެސް ލޯނު އުސޫލުން ކްލަބް ބަދަލު ކުރީ އެވެ. އެކަމަކު މިފަހަރު އޭނާގެ އަތުގައި ނަސީބު ހިފައިފި އެވެ.
އަލުން ކުރީގެ ކުޅުން ތަކުރާރުކޮށްފާނެ ކަމުގެ އަލާމަތްތާއް އޭނާގެ ކުޅުމުންދަނީ ދައްކަމުންނެވެ.
ފްރެންޗް ލީގުގައި ކުޅުނު ހަ މެޗުގައި އޭނާ މިހާތަނަށް ވަނީ ފަސް ގޯލް ޖަހާފަ އެވެ. އެއާ އެކު އޭނާ ވަނީ އެ ލީގުގައި ރެކޯޑެއް ހަދާފަ އެވެ. މުއްސަނދި ތާރީހެއް އޮތް އެ ލީގުގައި އެންމެ އަވަހަށް ފަސް ލަނޑު ހަމަކުރި ކުޅުންތެރިޔަކީ ފާޓީ އެވެ.
ލީގުގައި ފަސް ލަނޑު ފާޓީ ޖެހީ މެޗުގެ ވަގުތުން 123 މިނެޓްތެރޭގަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ 2007-2008 ގެ ސީޒަނުގައި ވެލެންސިއަންސްއާ އެކު 137 މިނެޓުން ފަސް ލަނޑު ހަމަ ކުރީ، ކުރީގެ ކުޅުންތެރިޔާ ޖޯން އައުޑިއެލް އެވެ.