ގދ. ވާދުއަށް ނިސްބަތްވާ ޓީއެންޓީއަށް ލެޖެންޑަރީ ފްރީސްޓައިލް އެތުލީޓް ޝޯން ގާނިއާގެ ތައުރީފް
ގދ. ވާދުއަށް ނިސްބަތްވާ ޓީއެންޓީއަށް ލެޖެންޑަރީ ފްރީސްޓައިލް އެތުލީޓް ޝޯން ގާނިއާގެ ތައުރީފް

ރެޑްބުލް ފޯ ޓޫ ސްކޯ މިއަހަރުގެ ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލުކުރި ކްލަބް ޓީއެންޓީ އަށް، ދުނިޔޭގެ މަގުބޫލް ފްރީސްޓައިލް އެތުލީޓް ޝޯން ގާނިއާ ތައުރީފް ކޮށްފި އެވެ.

ޓީއެންޓީ ވަނީ މުބާރާތުގެ ގަދަ 16 ގައި ވާދަކުރީ ޝޯން ގާނިއާގެ ޓީމް ގްލޯބަލް ބޯލާސްއާ އެވެ. އެ މެޗުގައި 1v1 ކުޅެގެން ޓީއެންޓީ ބަލިވީ 2-1 އިންނެވެ.

"ރާއްޖޭގެ ޓީމާ ދިމާވެއްޖެ. އަހަރެން މާފަށް އެދިލަން ބޭނުމީ އަހަރެމްނެ މެޗުން މޮޅުވީމަ،" ޝޯންގެ ވާހަކަ ފަށަމުން ބުންޏެވެ.

"މި ޓީމު ވަރަށް މޮޅަށް ކުޅުނު. އެންމެ ފުރަތަލަ ލީޑު ނެގި ހިސާބުން ވެސް އަހަރެން އަޖައުބުވި. އެކަމަކު އަހަރެމެންނަށް 1v1 އަކާ ހަމައަށް މެޗު ގެންދެވުނު. ވަރަށް ބޮޑަށް މަރުހަބާ، އުންމީދުކުރަނީ އަންނަ އަހަރު ވެސް މުބާރާތުން ދިމާވާނެ ކަމަށް."

އާދިއްތަ ދުވަހު ގްލޯބަލް ބޯލާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވި މެޗުގައި، ފުރަތަމަ ލަނޑު ޖެހީ މުސައްނިފް މުހައްމަދު (މުސީ) އެވެ. ފަހު ވަގުތު އިދިކޮޅު ޓީމުން އެއްވަރު ކުރުމުން، 1v1 ގައި ޓީއެންޓީން ކުޅެން އެރީ މޫސާ އަޒީމް ހަސަން (ރާމޯސް) އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ހަތަރު މެޗެއް ކުޅެފައިވެ އެވެ. ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، ދެވަނަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ނެދަލެންޑްސް މެޗަށް ހާޒިރު ނުވާތީ 4-2 އިން ޓީއެންޓީއަށް މެޗު ލިބުނެވެ. ތިންވަނަ މެޗުގައި 4-1 އިން ޖާޕާން އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި ވަނީ އޮމާން އަތުން 1-0 އިން މޮޅުވެފަ އެވެ.

ގޯލްކީޕަރެއް ނުލައި ކުޅޭ މި 4v4 މުބާރާތުގައި ވާދަކުރާ ޓީއެންޓީ ޓީމުގައި ހިމެނެނީ މުސީ އާއި އަޒީމްގެ އިތުރުން، އިސްމާއިލް ވިފާގާއި އިބްރާހިމް ޝައުފް މުހައްމަދު އަދި އާހިލް އަލީ އެވެ. މުސީ އާއި ޝައުފް އަދި އާހިލް އަކީ ވާދުއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަޒީމް ނިސްބަތްވަނީ ފުވައްމުލަކަށެވެ. އަދި ވިފާގަކީ މާލެ އަތޮޅު ވިލިނގިއްޔަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ގދ. ވާދުއަށް ނިސްބަތްވާ ޓީއެންޓީއަށް ވޯލްޑް ފައިނަލްސްގެ ޖާގަ ލިބުނީ، ރާއްޖޭގައި ބޭއްވި ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އެއީ 2005 ވަނަ އަހަރު ވުޖޫދުވި ކްލަބް މިހާތަނަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.