ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ޓްރަމްޕުގެ ސަނާ
ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ޓްރަމްޕުގެ ސަނާ

ޖަޕާނުގެ ބޮޑުވަޒީރުކަމަށް މި މަހު ފަހުކޮޅު ހޮވާނެކަން ޔަގީން ވެފައިވާ ސަނޭ ޓަކައީޗީ އަކީ ހިކުމަތްތެރި އަދި ފަންވަރު ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތައުރީފް ކުރައްވައިފި އެވެ.

މިއީ ޖަޕާނުގައި އަންހެނަކު ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

"ޖަޕާނުގެ ބޮޑުވަޒީރުކަމަށް އަންހެނަކު އިންތިހާބުކުރަން ފުރަތަމަ ފަހަރަށް ނިންމައިފި. އެއީ ވަރަށް ބޮޑަށް އިހްތިރާމް ލިބިވަޑައިގެންފައިވާ ހިކުމަތްތެރި، ފަންވަރު ހުރި ބޭފުޅެއް،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު ސިފަކުރެއްވި ގޮތުގައި މިއީ ޖަޕާނުގެ އާދަޔާހިލާފް ރައްޔިތުންނަށް ވަރަށް އުފާވެރި ކަމެކެވެ.

ޖަޕާނުގެ މީޑިއާއިން ބުނާ ގޮތުގައި މި މަހު ފަހުކޮޅު ޓްރަމްޕު ވަނީ ޖަޕާނަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމަށް ހޮވިވަޑައިގެން، ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެ ވަޑައިގަތުމުގެ މަގުމަތީގައި ހުރި ޓަކައީޗީ ވަނީ މިއީ ޖަޕާނުގެ އާ ބާބެއްގެ ފެށުން ކަމަށް ސިފަކުރައްވައިފަ އެވެ.

އުމުރުން 64 އަހަރުގެ ޓަކައީޗީ ވަނީ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިސްލާހުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

އެލްޑީޕީ އަކީ ޖަޕާނުގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރަމުން އައި ޕާޓީއެއް ނަމަވެސް، ޖަޕާނަށް މީހުން ހިޖުރަކުރުމާ ދެކޮޅު ޕާޓީއެއް ކަމަށްވާ ސަންސެއިޓޯ ފަދަ ކުދި ޕާޓީތަކުގެ މަގުބޫލުކަން އިތުރުވަމުން ދިއުމުން އެ ޕާޓީގެ ތާއީދު ދަނީ ކުޑަވަމުންނެވެ.

ސްކޫލް ދައުރުގައި ހެވީ މެޓަލް ޑްރަމަރެއް ކަމަށްވާ ޓަކައިޗީ އަކީ ޖަޕާނުގެ ފަސް ވަނަ ބޮޑުވަޒީރުގެ ގޮތުގައި މި މަހުގެ ފަހުކޮޅު ޕާލަމެންޓުން ރުހުން ދޭނެ އެވެ.

ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ޝިގޭރޫ އިޝީބާ ޓްރަމްޕު ދެ ވަނަ ދައުރަކަށް އެެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ވައިޓް ހައުސްއަށް އެންމެ ފުރަތަމަ ވަޑައިގެން އެއް ލީޑަރެވެ. އެއީ ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ނަގަން ނިންމި ޓެރިފްތަކުގެ މައްސަލައިގައި ޖަޕާނުން މަޝްވަރާކުރަން ބޭނުންވެގެން ކުރެއްވި ދަތުރެކެވެ. -- އޭއެފްޕީ