06 އޮކްޓޯބަރ 2025 - 23:17

އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ގާނޫނާ ހިލާފަށް އަމަލުކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ނިސްބަތްކޮށް ނަފްރަތު އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އިދާރާ އިން ދީފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ، އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެ މީހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރަމުން އެބަދެ އެވެ.
ފުލުހުން ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުން ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން، ވަކިވަކި އޮފިސަރުންނާއި އެ މީހުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަމަލުކުރުމާއި އެމީހުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށާއި އެ މީހުންނަށް ބިރު ހީވާ ގޮތަށް އެއްވެސް އަމަލެއް ހިންގާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ އިދާރާ އިން ބުނީ ފުލުހުންގެ ރަސްމީ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަ ނޫން އެއްވެސް އަމަލެއް ކޮށްފި ނަމަ، އެ އަމަލަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ މާއްދީގޮތުން ހުއްޓުވައިގެން އަދި އެ ނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެެ.
ފުލުހުން އެފަދަ އިންޒާރެއް ދިންއިރު މުޒާހަރާގައި ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި ފުލުސް މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އޭނާއަށް ދަނީ ވަޒީފާގެ ބިރު ދައްކަމުންނެވެ.