ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް
ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް

އާ ގާނޫނުއަސާސީއަށް ފަހު ބަދަލުވި ވެރިކަންތަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް، އަދި ތާހިރުކޮށް ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ވެރިއަކު ނެތް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް
ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް

އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. އެ ސަރުކާރުތަކާއި ރައީސް މުއިއްޒުގެ ވެރިކަމަށް ބަލާއިރު، އެމަނިކުފާނަށް ތައުރީފް ކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް
ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް ވެރިކަން ކުރައްވާ ބޭފުޅަކު ނާދޭ: ގާސިމް

"މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު، ޑރ. މުހައްމަދު މުއިއްޒަށް ވުރެ އިހުލާސްތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާކަން މި ވޭތުވެދިޔަ ދެ އަހަރު އަދާކުރައްވުމުގައި އިހުލާސްތެރި ބޭފުޅަކު ތި ނޫނިއްޔާ ނުދެކެން،" އެމްޑީޕީގެ ސަރުކާރު ކޯލިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ގާސިމް ވިދާޅުވީ މުއިއްޒަކީ އެންމެ އިހުލާސްތެރި ވެރިޔާ ކަމަށް ވިދާޅުވަނީ ގިނަ ސަބަބުތަކާ ހެދި ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް ރައީސް މުއިއްޒު ވާހަކަ ދެއްކެވި އަޑެއް ނީވެ އެވެ. އަދި ސިޔާސީ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި މަންޒަރު ފެނިވަޑައިގެންފައިނުވާ ކަމަށާއި ސްޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ އަމަލެއް ވެސް ހިންގަވާފައި ނުވާ ކަމަށެވެ.

"އެކަމަކު ވެރިކަންކޮށްފައި ތިބި މީހުން އެކަން ވެސް ކުރިއޭ އިނގޭތޯ [ސްޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ސިޔާސީ މައްސަލަތަކުގައި މީހުން ހައްޔަރުކުރުން]،" ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެ ބޭފުޅުން ވާހަކަ ދައްކަވާއިރު ވެރިކަމުގައި ކުރެވުނު ކަންކަމާއި ނުކުރެވޭ ކަންކަން އެނގޭތޯ ސުވާލު އުފެދޭ ކަމަށެވެ.

ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް ފަހު އުފެދުނު ފުރަތަމަ ވެރިކަމުގައި ވަނީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ފަނޑިޔާރު "ސިސްޓަމުން ނަގާލާފައި" ކަމަށެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކުރެއްވި ގޮތަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގެ އެއްވެސް ބޭފުޅަކު އެކަންކަން ހަނދާން ނުނެތޭނެ ކަމަށެވެ.

އެކި ވެރިކަންތަކުގައި ކޯޓުތަކަށް ބަދަލު ގެނެސް ނުފޫޒު ފޯރުވަން ކުރެއްވި ކަންކަމާ މެދު ގާސިމް މިރޭ ވަނީ ނުރުހުންފާޅުކުރައްވައިފަ އެވެ.

މި ވެރިކަމުގައި ސްޕްރީމް ކޯޓުން ބޭފުޅަކު އަމިއްލައަށް އިސްތިއުފާ ދެއްވީ ކަމަށާއި ދެން ތިއްބެވި ބޭފުޅުން "ކުށުގެ ވެށީގައި ބެދުމުން" އޭގައި ރައީސް މުއިއްޒު ކުރައްވާނީ ވަކި ކޮން ކަމެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށް ފަހު އެކަން ހަގީގަތަކަށް ހަދައިދީފައި ނުވާ ކަމަށެވެ. އެކަން ނުވީ ކީއްވެގެންކަން ސީދާ ވިދާޅުވާން އެނގިވަޑައިނުގަތަސް އޭރު ދައުލަތުގެ ދަރަނި ދިޔައީ އިތުރުވަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތްއިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެ، ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ނުދައްކަ އެވެ. އެ ހާލަތުގައި ވެސް ގައުމު ދަރަނިވެރިވިޔަ ނުދީ ހިފަހައްޓާލައިގެން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސާބަސް ހައްގު ކަމަށް ގާސިމް ވިދާޅުވި އެވެ.

"މަނިކުފާނު މި ގައުމު ބޭންކްރަޕްޓްކޮށް ނުލާ، މި ގައުމު ކޮޅަށް ޖަހައި މިނިވަންކަމާ އެކީގައި އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަ ދައްކާލައިގެން އުޅެން ފުރުސަތު ގެނެސްދެއްވުމަށް ތިކުރެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސް ނޫން އެހެން އިތުރު އެއްޗެއް އަޅުގަނޑު ނުދަންނަވާނަން،" ގާސިމް ވިދާޅުވި އެވެ.

ވިލާ ކުންފުނީގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ޓެކްސް ބޮޑުކޮށް، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުންޖެހޭ ގޮތަށް ހެދުމުން ވެސް އެއްޗެއް ވިދާޅުނުވީ، އެއީ ސަރުކާރުން ކުރަންޖެހޭ ކަމަކަށް ވާތީ އެވެ. އެ ފިޔަވަޅު ނާޅައި އިގްތިސާދު ރަނގަޅުކޮށްގެން ކުރިއަށް ދެވެން ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.