06 އޮކްޓޯބަރ 2025 - 21:18

އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ތޫނު އަޑު ފޮނުވާ ހަތިޔާރު ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.
އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ މުޒާހަރާގައި ތޫނު އަޑު ފޮނުވާ ހަތިޔާރު ބޭނުންކުރުމަކީ ކޮމިޝަނުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިޔަސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމާއި ތަހުގީގު ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމުގައި ދަންނަވަން." އޮފިޝަލް ވިދާޅުވި އެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ވެސް ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެއް ކަމަށްވާ އެލްއާރުއޭޑީއަކީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށް ބޭނުންކުރާ އާލާތެކެވެ. އެ ބޭނުންކުރަނީ ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް ފޮނުވާށެވެ.
އިދިކޮޅުން "ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި ހުކުރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގައި އެ ބޭނުންކުރުމުން މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.
މުޒާހަރާއެއް ރޫޅާލުމަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެ އާލާތް ބޭނުންކުރިއިރު އެއީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
މުޒާހަރާއަށް ފަހު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި އެ އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ. ފުލުހުން އެ ހަތިޔާރު ބޭނުންކުރަމުން ދިޔަ ވަގުތު ކަންފަތަށް ވަރަށް ބޮޑަށް އުނދަގޫވެ، ބޮލުގައި ރިއްސުމާއި ބޯ އެނބުރުމާއި ހޮޑުލަވާ ކަހަލަ ގޮތްވި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އާންމުން ވެސް ދިރިއުޅޭ ސަރަހައްދެއްގައި ފުލުހުން މި ކަހަލަ ހަތިޔާރެއް ބޭނުންކުރުމުން ބައެއް މީހުންވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އެކަމަކު ފުލުހުން ދިފާއުކުރައްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް މުޒާހަރާތައް ރޫޅާލަން އެ ހަތިޔާރު ބޭނުންކުރި އެވެ.