އޮސްޓްރޭލިިޔާ އަށް ވަރުގަދަ ތޫފާނެއް އަަރައިފި
އޮސްޓްރޭލިިޔާ އަށް ވަރުގަދަ ތޫފާނެއް އަަރައިފި

އޮސްޓްރޭލިޔާގެ ކްއީންސްލޭންޑަށް ވަރުގަދަ ތޫފާނެއް އަރައި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

"ޑެބީ"ގެ ނަމުން ނަން ދީފައިވާ މި ތޫފާނުގައި ގަޑިއަކު 163 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހެ އެވެ. މޫސުމާ ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދެ މީޓަރުގެ އުސް ބާނީތައް އުފެދުން އެކަށީގެންވެ އެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން ދުރަށް ދާން އާންމުންނަށް ކުރިންސުރެ އޮތީ އަންގާފަ އެވެ. އެކަމަކު ބައެއް މީހުން އެ އެންގުމާ އެއްގޮތަށް އަމަލްނުކުރާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ވެސް 20،000 ގެއަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ. އޭގެ އިތުރުން މަޝްހޫރު ރިސޯޓަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

މިއީ 2011 ގައި ކްއީންސްލެންޑަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވި ތޫފާނަށް ފަހު އޮސްޓްރޭލިޔާ އަށް އެރި އެންމެ ނުރައްކާތެރި ތޫފާނެވެ.

މޫސުމާ ބެހޭ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ތޫފާނުގެ ވަޔާއި ވިއްސާރަ އެތައް ގަޑިއިރަކަށް ދެމިގެންދާނެ އެވެ. އަދި ވައި ޖެހޭލެއް ގަދަވަމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

"ގޭގޭގެ ފުރާޅު އެއްލައިލާކަމުގެ ރިޕޯޓްތައް މިހާރު ދަނީ ލިބެމުން،" ކްއީންސްލެންޑްގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ސްޓީވް ގޮލްސްވިސްކީ ވިދާޅުވި އެވެ.

ވައި ގަދަކަމުން ހީވަނީ ގަސްތައް ބިންމަތީގައި ހަރުނުލައިގެން އުޅޭހެން ކަމަށް، ތޫފާނާ ކުރިމަތިވެފައިވާ އާންމުން ސިފަކުރެ އެވެ.

"މުޅި ހިސާބުގަނޑު މިދަނީ ހުއްޓުމެއް ނެތި ހެލެމުން،" އެކަކު ބުންޏެވެ.

އާންމުންނަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީ ހިޔާތައް ވަނީ، އުސް ހިސާބުގަނޑުގައި ގާއިމްކޮށްފަ އެވެ. ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެހީތެރިވާން 2،000 އަށް ވުރެ ގިނަ އިމެޖެންސީ ވޯކަރުން ތިބީ ތައްޔާރީ ހާލަތުގަ އެވެ.