06 އޮކްޓޯބަރ 2025 - 20:13

ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލާގައި އަހުމަދު ޒާހިދު ނަމަކަށް ކިޔާ 50 އަހަރުގެ މީހެއް ހައްޔަރުކުރީ އޭނާގެ އަތުން 250 ގްރާމުގެ މެފްޑްރޯން ފެނިގެންނެވެ.
އެ މައްސަލާގައި ހައްޔަރުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހު އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެެވެ. އެކަމަކު އެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލައިގެ ކޯޓު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުގައިވެ އެވެ. ނަމަވެސް، އެ މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް އެ މީހާ ކޯޓުގައި ބުނެފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.
އޭނާ ހައްޔަރުކުރީ ރާއްޖެއަށް އައި ތަނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އެ މީހާއަކީ ޔޫރިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކޯޓު އަމުރުގައިވެ އެވެ.