06 އޮކްޓޯބަރ 2025 - 19:16

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަނިކޮށް އިޒްރޭލުން ހުއްޓުވި ސުމޫދު ފްލޮޓީލާގެ އެކްޓިވިސްޓުންގެ ތެރެއިން ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ޓުންބާގާއި އިތުރު 170 މީހަކު މިއަދު ޑީޕޯޓްކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލު ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި، މިއީ "ހަމާސް-ސުމޫދު ފްލޮޓިލާ" ގޮތުގައި ސިފަކޮށް ބުނެފައިވަނީ އޭގެ އިތުރު 171 މީހަކު މިއަދު ގްރީސް އާއި ސްލޮވާކިއާއަށް ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.
ޑީޕޯޓް ކުރި މީހުންގެ ތެރޭގައި ގްރީސް، އިޓަލީ، ފްރާންސް އަދި އެމެރިކާ ފަދަ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޕޯސްޓާ އެކު އާންމުކުރި ފޮޓޯތަކުން ތެލް އަވީވްގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޓަންބާގާއި އިތުރު އެހެން ބަޔަކު ތިއްބާ ފެނެ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން އޭއެފްޕީ އަށް ބުނި ގޮތުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ އިތުރު 138 އެކްޓިވިސްޓުން އަދިވެސް ތިބީ އިޒްރޭލުގެ ބަންދުގަ އެވެ. އިއްޔެ އާއި އޭގެ ކުރީ ދެ ދުވަހު ވެސް 140 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.
ސުމޫދު ފްލޮޓީލާގައި ކަނޑުމަގުން ޣައްޒާއަށް ވަންނަން 45 އުޅަނދުގައި 400 އެއްހާ މީހުން ދަތުރުކުރި އެވެ. އެ އެންމެން ހުއްޓުވައި އިޒްރޭލުން ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވާތީ އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.