އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި
އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި

ލައިސެންސިން ޓްރެއިނިން ޕްރޮގްރާމް ހިންގުމަށްޓަކައި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އިސްލާމިކް ޔުނިވާސިޓީގައި ހުޅުވައިފި އެވެ.

އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި
އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި

ބާ ކައުންސިލުން ހުއްދަ ދީފައިވާ ރާއްޖޭގެ ހަމައެކަނި ކްލިނިކް ހުޅުވައިދެއްވީ އައިޔޫއެމްގައި މި ކްލިނިކް ވުޖޫދުކުރަން މީގެ ދެ އަހަރު ކުރިން އިސްކޮށް މަސައްކަތް ފެއްޓެވި، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި
އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އައިޔޫއެމްގައި ހުޅުވައިފި

އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކްލިނިކް ހުޅުވައިދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ކުޑަ ޓީމުން މިވަރުގެ މަސައްކަތެއް ކުރުމުން ހާމަވަނީ އެއީ ގާބިލް ބޭފުޅުން ތިއްބެވި ތަނެއް ކަމަށެވެ.

އެ ކުއްލިއްޔާގެ ލެކްޗަރާއެއްގެ ގޮތުގައި މީގެ 11 މަސް ކުރިއާ ޖެހެންދެން މަސައްކަތް ކުރެއްވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަލަށް ހުޅުވުނު ކްލިނިކަކީ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް ކަމަށާއި ލޯ ފާމްތަކުގެ ކިޔުގައި ތިބެންޖެހޭ ތިބުން ދެން ނިމުމަކަށް އަންނާނެ ކަމަށެވެ.

"މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ތިޔަ ދަރިވަރުން ހާސިލް ކުރަން ޖެހޭނެ. މިއީ ހަމައެކަނި އައިޔޫއެމްގެ ދަރިވަރުންނަށް ލިބޭނެ ފުރުސަތަކަށް އެކަންޏެއް ނޫން ވެގެންދާނީ. ދިވެހިރާއްޖޭގައި ގާނޫނު ކިޔަވާ އެހެން ދަރިވަރުންނަށް ވެސް މި ފުރުސަތު އޮންނާނީ ހުޅުވިފައި،" ޣަނީ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުމަކީ ވެސް ކްލިނިކަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ހަމައެއާ އެކު، ގާނޫނީ ލަފާ ހޯދަން ދަތިވާ ނިކަމެތިންނަށް މި ކްލިނިކް ވާން ޖެހޭނީ އެއްވެސް އިސްތިސްނާއެއް ނެތި ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ކަމަށާއި އޭރުން ވާނީ ވަރުގަދަ އިޖުތިމާއީ ހިދުމަތަކަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އައިޔޫއެމްއިން ބުނި ގޮތުގައި މި ކްލިނިކަކީ ގާނޫނީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން، އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ލައިސެންސިން ޓްރިއިނިން ޕްރޮގްރާމް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެޅިގެންދިޔަ އުއްމީދީ ބިނާއެކެވެ.

މި ކްލިނިކްގެ ސަބަބުން، ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ބެލެހެއްޓުމުގެ ދަށުން ގާނޫނީ ދަރިވަރުންނަށް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، އާލާވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވެސް ވާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

"..އަދި މިއީ ގާނޫނީ ފަންނުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ގާނޫނީ ދާއިރާއިން ކިޔަވާފައިވާ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް،" އައިޔޫއެމްއިން ބުންޏެވެ.

ގާނޫނީ ފަންނުގެ ދަރިވަރުންނަށް ޕްރޮގްރާމް ހިންގުމުގެ އިތުރުން ކްލިނިކުން އާންމުންނަށް ޕްރޮބޯނޯ އުސޫލުން ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އެހެންކަމުން މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދަން ދަތިވެފައިވާ އާންމުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

މި ލީގަލް ކްލިނިކް ހިންގުމަށްޓަކައި އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އަދި ކުރީގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އަހުމަދެވެ.