07 އޮކްޓޯބަރ 2025 - 00:01

ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ބޭހާއި އެހެން ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެތަންތަނަށް ހެލްތު މިނިސްޓްރީއާ ސީދާ މުއާމަލާތު ކުރެވޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގައި މިހާރު އޮންނަ ފަށަލަތައް ގިނަ ކަމުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ސަރުކާރުގެ ބޭސް ކުންފުންޏެއް އުފެއްދެވި އެއް ސަބަބަކީ ބޭސް ފޯރުކޮށްދިނުމުގެ ލުއިތަކާއި ދެން ވެސް ހުރި އުނދަގޫ ކަންކަން ހައްލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމަށް ގެންނަވާ ބަދަލާ އެކު ހެލްތު ސެންޓަރުތަކަށް ކުރިއަށް އޮތް ތަނުގައި ސީދާ ހެލްތު މިނިސްޓްރީ ނުވަތަ ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކޮށްގެން ކަންކަން ހައްލު ކުރެވޭނެ އެވެ.

"ކޮންމެ ހެލްތު ސެންޓަރެއް ސީދާ ބޭހުގެ ކަންތަކުގައި ވިޔަސް އަދި އެސްޓީއޯއާ ވިޔަސް އަދި އެހެން ކަމެއްގައި ފިނޭންސާ ވިޔަސް ސީދާ މުއާމަލާތް ކުރެވޭ ނިޒާމެއް ގާއިމް ކުރުމުގެ ކަންތައް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
"އެއީ، ވަރަށް ގިނަ ކަންކަން ހަމަޖައްސަން ޖެހޭ ކަމެއް، ސޮފްޓްވެއާ ވައިސް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި. މުވައްޒަފުން ޓްރޭން ކުރުމަށް ކުރަން ޖެހޭ ކަންކަން އެބަހުރި. ކޮންމެ ރަށެއްގައި ދޭން ޖެހޭ ޓްރޭނިންތަކެއް އެބަހުރި. ހެލްތު ސެންޓަރުގައި ހުންނަން ޖެހޭ ކަމާބެހޭ މުވައްޒަފަކު ޓްރޭންކުރެވިފައި. ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީގައި ވެސް. އެހެންވީމަ މިހެން ހުރި ކަންކަން ނިންމަން ޖެހޭ."
ރައީސް ވިދާޅުވި ގޮތުގައި އެހެން ހުރި ކަންކަން މި އަހަރުގެ ތެރޭގައި ނިމޭނެ އެވެ. އާ ބަޖެޓު އަންނަ އަހަރު ފާސްވެ، ތަންފީޒުވާން ފަށަންވާއިރަށް އެކަންކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ޖެނުއަރީގައި ފެށޭވަރަށް އިރާދަކުރެއްވިޔާ މިކަން ނިމޭނެ. މިކަމުގެ ނަތީޖާއަކީ އާ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއް، ހޮސްޕިޓަލްތަކެއް ވަކި މުއައްސަސާތަކެއްގެ ގޮތަށް ޑައިރެކްޓްލީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ މުއާމަލާތު ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިއީ، ރައީސް ވިދާޅުވި ގޮތުގައި، ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިއެރުން ލިބޭނެ އަދި ފަސޭހަތަކެއް ލިބޭނެ ބަދަލަކަށް ވާނެ އެވެ. އެންމެ ބޮޑު ބަދަލަކީ ހިދުމަތް ހޯދަން އޮންނަ ފަށަލަތައް އުނިވެގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ސަބަބުން ބޭސް ހޯދުމުގައި ވެސް ފަސޭހަވާނެ. ވަޒީފާތައް ހޯދުމުގައި ވެސް ފަސޭހަވާނެ. އެހެން ހިދުމަތްތައް އެޕްރޫވް ކުރުމުގައި ވެސް ލުއިވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ސަރުކާރުގެ ބޭސް ކުންފުނި ރައީސް އުފެއްދެވީ ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހު އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ.