06 އޮކްޓޯބަރ 2025 - 18:36

ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާހާ ގިނަ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު މި ގައުމުން އަދި ނުދެކޭ ކަމަށް ވިދާޅުވެ ރައީސަށް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ތައުރީފް ކުރައްވައިފި އެވެ.
އދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުއްޓަަށެވެ. ގާސިމްގެ އުފަން ރަށަކީ އެ އަތޮޅު މާމިގިއްޔެވެ.
ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.
މި ސަރުކާރު އައި ފަހުން ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ހުރެ ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އޭނާ ވެސް ހިންގެވި ކަމަށެވެ.
"ދޮށީ މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދިން މީހެއްގެ ހައިސިއްޔަތުން، އެފަދަ މަސައްކަތްތައް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން، 2008 ވަނަ އަހަރު ގާނޫނުއަސާސީ ބަދަލުވި ފަހުން ރައީސް [މުއިއްޒު] ވެރިކަމާ ހަވާލުވުމާ ހަމައަށް އަޅުގަނޑު ނުދެކެން މިހާރު މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާއި އަޒުމާއެކީ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދިޔަ އެއްވެސް ވެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.
"ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަދެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ."
ރާއްޖެ މިއަދު މިދެކޭ ތަރައްގީ ގެނައުމުގައި އުފުލާފައިވާ ބުރައަކީ ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކަތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ މި ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވަމުންދިޔަ އަދި މިހާތަނަށް ވެސް ވަމުންދާ މީހެއް. އަދި ގޮސްފައިވާ މީހެއް."