ބައްސާމަށް ބުދަ ދުވަހު ހުކުމް ކުރަނީ
ބައްސާމަށް ބުދަ ދުވަހު ހުކުމް ކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރީިގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީި އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނެ އެވެ. ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް ބުދަ ދުވަހުގެ މެންދުރު އިއްވަން ތާވަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ މައްސަލާގެ ހުކުމް އިއްވަން ތާވަލް ކުރިއިރު، އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވަކިން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.

އެ މައްސަލަތަކާ ގުޅިގެން، ބައްސާމް ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސްތަކެއް ފުލުހުން މިދިޔަ އަހަރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ. އަދި އެތަން ހިފެހެއްޓުމުގެ މުއްދަތު އަންނަ އަހަރާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.