މަދަނީ އިޖުރާއަތުގެ ގާނޫނު ސިވިލް ކޯޓަށް ބުރައަކަށް
މަދަނީ އިޖުރާއަތުގެ ގާނޫނު ސިވިލް ކޯޓަށް ބުރައަކަށް

ރާއްޖޭގެ ވެއްޓަށް ފެތެނީ ކިހާވަރަކަށްތޯ ނުބަލައި ހަދާ ގާނޫނުތަކަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަަތައް ލަސްވާ ސަބަބެއް ކަމަށާއި 2022 ވަނަ އަހަރު މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލަކީ އެފަދަ ބަދަލެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު ހިމެނޭހެން، އެގޮތަށް ހުރި ގާނޫނުތަކަށް މަޖިލީހުން ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އެ ގާނޫނު ނާންނަ އިރު ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑުބައި ނިންމަމުން އައީ ޑިސްޕިއުޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނަން، 2022 ވަނަ އަހަރު ސިވިލް ޕްރޮސީޖާ ކޯޑަށް މިއައި ބަދަލު ވެގެން ދިޔައީ ކޯޓުގެ މައްސަލަތައް ހުއްޓުމަކަަށް އައި[ސަބަބަކަށް]. ސަތާރަ ފަނޑިޔާރުން ތިބި އިރު މައްސަލަތައް އެއްގޮތަކަށް ވެސް ކުރިއަށްދާ ގޮތެއް ނުވި. އެއީ ކުރީގައި ޑިސްޕިއުޓުން، ސިވިލް ކޯޓުގައި ގާތްގަނޑަކަށް 60 އިންސައްތަ މައްސަލަ ނިންމަމުން އަންނަނިކޮށް، އެ ގާނޫނުގެ ސަބަބުން ހަަމަ އެއްކޮށް ހުއްޓިގެން ދިޔައީ،" ރިޒާ ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ކުރިމަތިވި އަނެއް މައްސަލަ އަކީ ރިޒާ ވިދާޅުވި ގޮތުގައި ކުރިން ފެމިލީ ކޯޓުން ބަލަމުން އައި ތަރިކަ އާއި ވަސިއްޔަތާއި ހިބައިގެ މައްސަލަަތައް އެ ކޯޓަށް ގެނެސް ޖަމާކުރުމެވެ.

އެކަން ހައްލުކުރަން މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ޖޭއެސްސީން ފާސްކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރު ފޮނުވާފައިވާ ކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ އެ އިސްލާހުތައް އަވަސްކޮށްދޭން އެދިފައިވާނެ ކަމަށެވެ.

"އަދި އެ އިސްލާހު ލަސްވެގެން އަޅުގަނޑުމެން 20 މޭ، 2025 ގައި އަވަސް ކޮށްދިނުމަށް [އެދި] ވެސް ވާނެ [ސިޓީއެއް] އެއް ފޮނުވާފައި. މިއަދާ ހަމައަށް ވެސް މި މަޖިލީހަށް އައި ކަމެއް އަޅުގަނޑުމެންނަަކަށް ނޭނގޭ،" ރިޒާ ވިދާޅުވި އެވެ.

އެ އިސްލާހުތައް ފާސްވެއްޖެ ނަމަ ސިވިލް ކޯޓުގައި ކުރިން ވެސް، ޑިސްޕިއުޓުން މައްސަލަތައް ނިންމުން އައި ގޮތަށް މައްސަލަތައް ހިނގައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީއަށް ރިޒާ މިއަދު ދެއްވި ތަފާސްހިސާބުގައިވާ ގޮތުން ސިވިލް ކޯޓުގައި މިހާރު ވެސް 4،077 މައްސަލަ ނުނިމި އެބަ އޮތެވެ. އޭގެ ތެރޭގައި އަހަރެއް ނުވާ 2،364 މައްސަލަ އާއި އެއް އަހަރާ ތިން އަހަރަ ދޭތެރޭގެ 1،079 މައްސަލަ އާއި ތިން އަހަރާއި ފަސް އަހަރާ ދޭތެރޭގެ 552 މައްސަަލަ އާއި ފަސް އަހަރަށް ވުރެ ގިނަ ވެފައިވާ 28 މައްސަލަ ހިމެނެ އެވެ.