06 އޮކްޓޯބަރ 2025 - 15:54

އދ. ދިއްދޫގައި މިހާރު ކިޔަވައިދެމުން އަންނަ ސެޓެލައިޓް ސްކޫލުގެ ބަދަލުގައި، ފިޒިކަލީ ސްކޫލަށް ގޮސްގެން ކިޔަވައިދޭގޮތަަށް ބަދަލުކޮށްދިނުމަށް އެ ރަށު ބެލެނިވެރިންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ހުށަހަޅައިފި އެވެ.
އާބާދީގައި 140 ތިބި ދިއްދޫ އަކީ މުޅި ރާއްޖޭގައި ވެސް އާބާދީ އެންމެ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އެހެންވެ ދަރިވަރުން މަދުވުމުގެ ސަބަބުން 2022 ވަނަ އަހަރާ ހަމައަށް ސްކޫލުގައި ކިޔަވައިދެމުން ދިޔައީ ދެ ގްރޭޑެއް އެއްކޮށްލައިގެން، މަލްޓިގްރޭޑް ސިސްޓަމަށެވެ.
އޭގެ ފަހުން، 2023 ވަނަ އަހަރު ވަނީ އެއީ ސެޓެލައިޓް ސްކޫލަކަށް ބަދަލުކޮށްފަ އެވެ. އޭރު ވެސް ބެލެނިވެރިން ދިޔައީ އެ ގޮތް ބޭނުން ނުވާ ކަމަށް ބުނަމުންނެވެ.
މިއަދު ރައީސް އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސާއި މިނިސްޓަރުންނާ ސުވާލުކުރުމަށް އާންމުންނަށް ދިން ފުރުސަތުގައި ރަށު ކައުންސިލް ރައީސް އަހުމަދު މުހައްމަދު ވެސް ވިދާޅުވީ އެ ރަށުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ސެޓެލައިޓް ސްކޫލު ބޭނުން ނުވާ ކަމަށެވެ.
"ބެލެނިވެރިން ބޭނުމެއް ނުވޭ ސެޓެލައިޓް ސްކޫލުގައި ކުދިންނަށް ކިޔަވައިދޭކަށް. ފިޒިކަލީ ގޮސްގެން ބެލެނިވެރިން ވެސް ބޭނުންވަނީ މިހާރު ކުދިންނަށް ކިޔަވައިދޭން،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ ވަނީ މިހާރު އެ ރަށު ސްކޫލުގައި ކިޔަވާ 17 ދަރިވަރުން، އާންމުކޮށް ސްކޫލަށް ގޮސް ކިޔަވާ ގޮތަށް ބަދަލު ކޮށްދިނުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
ބެލެނިވެރިއަކު ވާހަކަ ދައްކަމުން ބުނީ ގުރުއާން މާއްދާއަށް ޓީޗަރަކު ނުލިބޭތާ ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި ބިޒްނަސް ޓީޗަރެއް ނެތި ވެސް އެހާ ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ވެސް އެދުނީ ސެޓެލައިޓް ސްކޫލު، ފިޒިކަލީ ސްކޫލަށް ގޮސް ކިޔަވައިދޭ ގޮތަށް ބަދަލު ކޮށްދިނުމަށެވެ.
"މި ސެޓްލައިޓް ސްކޫލް އައި ފަހުން އަޅުގަނޑުމެންގެ ދަރިންގެ ކިޔެވުން ހަލާކުވެގެން މި ދިޔައީ. މިދިޔަ އަހަރު އޯލެވެލް ޓެސްޓް ހެދި އެއްވެސް ކުއްޖަކު ފާހެއް ނުވޭ. އަޅުގަނޑު އާދޭސް ކޮށްފައި މި އެދެނީ ފިޒިކަލްކޮށް އެ ދަރިންގެ ކިޔަވައިދިނުން ބަދަލުކޮށްދޭން،" އެ ބެލެނިވެރިޔާ ބުންޏެވެ.
ރައީސް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ އެ ރަށު ސްކޫލު މައްސަލާގައި މަޝްވަރާކުރެއްވުމަށް ފަހު ދަރިވަރުން ތިބި އަދަދަށް ބަލައި ގޮތެއް ނިންމަވައިދެއްވާނެ ކަމަށެވެ.
އޭރު ސެޓެލައިޓް ސްކޫލަށް ކިޔަވައިދޭން ފެށީ ދިއްދޫގެ އިތުރުން ބ. ފެހެންދޫ، ވ. ރަކީދޫ އަދި އެ އަތޮޅު ތިނަދޫގަ އެވެ. ނަމަވެސް ދަރިވަރުން ނެތުމުގެ ސަބަބުން ރަކީދޫ އާއި ތިނަދޫގައި މިހާރު ކިޔަވައެއް ނުދެ އެވެ.
ސެޓެލައިޓް ސްކޫލްގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް ޓީޗަރުން ހާޒިރުވެ ތިބޭނެ އެވެ. ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ. ސެޓެލައިޓް ސްކޫލްގެ ކުދިން ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.