06 އޮކްޓޯބަރ 2025 - 16:13

ޝަރުއީ ދާއިރާއާ ގުޅުން ހުރި އިދާރާތައް ނުވަތަ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފި ނަމަ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) ގެ ރައީސް ހުސައިން ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ. ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.
"މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި އެބަހުރި މިލިއަން ސަބަބުތައް އިނގޭތޯ. އޭގެ ތެރެއިން ހަމަ ގާތްގަނޑަކަށް ދިހަވަރަކަށް ސަބަބު އަޅުގަނޑު ދަންނަވާލާނަން،" ކޯޓުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ދިގު ލިސްޓެއް ފައްޓަވަމުން ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ސަބަބަކީ މުސާރަ އާއި އިނާޔަތްތައް ބޮޑު ނުވާތީ ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބުމެވެ. ވިދާޅުވީ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ 2008 ގެ ފަހުން އެއްގޮތަކަށް ވެސް ބޮޑު ނުވާ ކަމަށެވެ.
އަދުލު އިންސާފު ގާއިމްކުރުމާ ބެހޭ އެހެން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެހެންވީމާ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ޝަރުއީ ދާއިރާއަކީ [ދައުލަތުގެ] ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވީ އިރު، މިއަދު ވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެއްވެސް ބާރެއް ނެތް ބާރެެއްގެ ގޮތުގައި އެ ބާރު ހަަރަކާތްކުރަމުންދާ މަންޒަރު،" ރިޒާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 2011، 2012 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ކުރިމަތިލާން އިއުލާނު ކޮށްލީމާ 150، 200 ކުދިން ކުރިމަތިލާ. މިއަދު ޝަރުއީ ދާއިރާ އަށް ކުރިމަތިލާނެ މީހަކު ނުވޭ."
ޝަރުއީ ދާއިރާގެ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރަން މަޖިލީހުން މަސަައްކަތްތަކެއް ކުރެވިދާނެ ކަމަށާއި އެހެން ނޫނީ ކުރިއަށް އޮތްތަނުގައި އެ ދާއިރާ އަށް އެއްގޮތަކަށް ވެސް މުވައްޒަފުން ނުލިބޭ ހާލަތެއް އަތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ލަސްވާ ތިންވަނަ ސަބަބަކީ ރިޒާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ގޯސްވުމާއި އިމާރާތްތައް އެކަށީގެންވާ ވަރަށް ނެތުމެވެ.
"މިއަދު ނެތް މާލޭގައި ވާރޭ ނުވެހޭ އެއްވެސް ކޯޓެއް. ސުޕްރީމް ކޯޓު ބޭރުން ކިތަންމެ ރީއްޗަސް އެ ތަނަށް ވެސް ވާރޭ ވެހޭ. ހައި ކޯޓު މިއަދު ހިފަހައްޓަނީ ސީލިންތަކުގައި ދަގަނޑު ޖައްސައިގެން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ކޯޓުތައް 2012 ވަނަ އަހަރު ހުޅުޖަހައި އަންދާލި ހަނދާން އަދި ނުނެތޭ ކަމަށާ 11 މެޖިސްޓްޓްރޭޓް ކޯޓު ހިންގަނީ ތަންތަން ކުއްޔަށް ހިފައިގެން ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 52 މެޖިސްޓްރޭޓް ކޯޓު ހިންގަމުން އަންނަނީ ކައުންސިލްތަކާ އެއް އިމާރާތެއްގައި ކަމަށާއި އެފަދަ ބައެއް ތަންތަނުން ނުކުންނަން އަންގާފައިވާ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެން އެ ތަންތަން ކައުންސިލްތަކުގެ ބިންތަކެއް ކަމަށް ބަލާފައި އެ ތަންތަނުން ނުކުމެއްޖެއްޔާ ކޯޓުތައް ހިންގާ ތަންތަނެއް ނެތް،" ރިޒާ ވިދާޅުވި އެވެ.
ޖުމުލަ 13 ކޯޓެއްގެ އިމާރާތްކުރަން ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުގައި 64.7 މިލިޔަން ރުފިޔާ ހިމެނި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ މީގެ ކުރިން ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީއާ އެތައް ފަހަރަކު ސުވާލުކުރި އެވެ. ރިޒާ މިއަދު ހުށަހެޅުއްވި ގިނަ ޝަކުވާތަކަކީ ކުރިން ބޭއްވި ބައެއް ބައްދަލުވުންތަަކުގައި ވެސް ޖޭއެސްސީން ތަކުރާރުކޮށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.