06 އޮކްޓޯބަރ 2025 - 13:52

ރަށްރަށުގައި މަސައްކަތް ކުރުމަށް ގެންނަ މުވައްޒަފުން ބައިތިއްބުމަށް އެކޮމޮޑޭޝަން ބްލޮކްތައް އެޅުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަކީ ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުލެއް ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.
އެ ދަތުރުފުޅުތަކުގެ ތެރެއިން އެކިއެކި މަޝްރޫއުތައް ފެށުމާއި ނިންމުނުގެ ރަސްމިއްޔާތުތައް ބާއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ވެސް ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމަށް ވަނީ ނިންމައިފަ އެވެ.
އެގޮތުން ރައީސް މުއިއްޒު ފާހަގަ ކުރެއްވީ ބައެއް ރަށްރަށަށް ގެންދާ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މީހުން ބޭތިއްބުމަށް ތަންތަން ނުހުންނަ މައްސަލަ އެވެ. އެކަމަށް ހައްލު ގެނައުމަށް އަންނަ އަހަރު ބަޖެޓުގައި ރަށްރަށުގައި އެކޮމޮޑޭޝަން އެޅުން ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ބަޖެޓުން ސްކޫލާއި ސިއްހީ މަރުކަޒު ނުވަތަ އެހެނިހެން އިދާރާއަކަށް، ރަށުން ބޭރުން ހިދުމަތް ކުރަން ގެންނަން ޖެހޭ މީހުން ބައިތިއްބާނެ ތަންތަން. މިއީ ސްކޫލަށް ވެސް އަދި އެހެނިހެން މުއައްސަސާތަކަށް ވެސް ބޭނުންވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މި މަޝްރޫއު އަންނަ އަހަރު ބަޖެޓު ހަދާއިރު ނިއު ޕޮލިސީ އިނީޝިއޭޓްގެ ތެރޭގައި ހިމަނައި ދޭނެ ކަމުގައި ދަންނަވަން."
ރާއްޖެ އިން ބޭރުން ނުވަތަ އެހެން ރަށަކުން ޓީޗަރެއް ނޫނީ ނަރުހެއް، ޑޮކްޓަރެއް ގެނައި ނަމަވެސް މިހާރު ބައިތިއްބަނީ އެ މިނިސްޓްރީއެއްގެ ބަޖެޓުން ވަކި އަދަދެއް ދީގެން އާންމުންގެ ގޭގޭގައި ކުއްޔަށެވެ